ޖަޕާނުގެ ސޮނީ ކުންފުނިން އުފައްދާ އިލެކްޓްރޯނިކް އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް އެތެރެކޮށް ވިއްކާ ރީފްސައިޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން، ސޮނީ ކުންފުނީގެ އެންމެ ފަހުގެ ސްމާޓްފޯން "ސޮނީ އެކްސްޕީރިއާ ޒެޑް" ރާއްޖޭގެ ބާޒަރަށް މިއަދު ރަސްމީކޮށް ނެރެ ވިއްކަން ފަށައިފި އެވެ.

އެކްސްޕީރިއާ ޒެޑް ރަސްމީކޮށް ތައާރަފް ކުރުމަށް މިއަދު ހަވީރު ރީފްސައިޑްގެ ހެޑް އޮފީސް ހުންނަ އިމާރާތުގައި ބޭއްވި ހާއްސަ ހަފްލާގައި ރީފްސައިޑުގެ އިސްވެރިންނާއި ސޮނީ ސިންގަޕޫރުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ މެނޭޖަރު ސްޓޭންލީ ޓޭން ބައިވެރިވެފައިވެ އެވެ.

އެހަފްލާގައި ސްޓޭންލީ ވިދާޅުވީ މިއަދު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކުރާ ސްމާޓްފޯނަކީ ސޮނީ ކުންފުނީގެ އެންމެ ފަހުގެ ހުރިހާ ޓެކްނޮލޮޖީއެއް އޭގައި އެކުލެވިގެން ފައްކާ ކުރެވިފައިވާ ފޯނެއް ކަމަށެވެ. އެގޮތުން އެ ފޯނުގައި ފަސް އިންޗީގެ "ފުލް އެޗްޑީ" ޓީއެފްޓީ ޑިސްޕްލޭ ސްކްރީން އަކާއި، ކުއަލްކޮމް 1.5 ގިގަހާޓްޒްގެ ކުއަޑްކޯ ޕްރޮސެސަރަކާއި، 13 މެގަ ޕިކްސެލްގެ "ފާސްޓް ކެޕްޗަރިން" ކެމެރާގެ އިތުރުން އެކްސްޕީރިއާ ޒެޑްގައި ސްމާޓް ފޯނެއްގައި ހުންނާނޭ ހުރިހާ ސިފަތަކެއް ހުންނާނޭ ކަމަށެވެ. އަދި އޭގެ އިތުރުން ސޮނީގެ އެންމެ ފަހުގެ "ޔުނިކް ޓެކްނޮލޮޖީ"ތައް ހިމެނިފައިވާނޭ ކަމަށެވެ.

އެގޮތުން ފަސޭހަކަމާ އެކު ވަޔަލެސް ޑިވައިސްތަކާއި ގުޅާލުމާއި ފައިލް ޓްރާންސްފާކުރުމުގެ އިތުރުން އެ ފޯނުގައި ސްކްރީން ފަރުމާކުރުމަށް ބޭނުންކޮށްފައި ވަނި ސޮނީގެ އަމިއްލަ ޓެކްނޯލޮޖީއެއް ކަމަށްވާ "މޯބައިލް ބްރާވިއާ އިންޖިން2"ގެ ސަބަބުން އެފޯނުން އަމިއްލައަކަށް އިމޭޖްތައް އޮޕްޓިމައިޒް ކޮށްދޭނެ އެވެ.

ރީފްސައިޑުން މިއަދު ރާއްޖޭގެ ބާޒާރަށް ނެރުނު "ސޮނީ އެކްސްޕީރިއާ ޒެޑް"ގައި ހިމެނޭ ފީޗާސްތަކަށް ބަލާއިރު އެފޯނުގެ ފަހަތުގައި އިންނަ 13 މެގަޕިކްސެލް "އީމޯ އާރުއެސް" ކެމެރާގެ އިތުރުން، ކުރިމަތީގައި 2 މެގަޕިކްސެލްގެ "އީމޯ އާރުއެސް" ފުލްއެޗްޑީ ކެމެރާއެއް ހިމެނެ އެވެ. އަދި އެފޯނުގައި ބޭނުން ކުރަނީ ގޫގަލް އެންޑްރޮއިޑް 4.1 (ޖެލީބީން) އޮޕަރޭޓިން ސިސްޓަމް އެވެ. ފޯނުގެ ބަރުދަނުގައި 146 ގްރާމް ހުންނައިރު ފޯނުގެ ބޮޑުމިނަކީ 139x71x7.9 މިލި މީޓަރެވެ. ފޯނުގެ ބެޓެރީ ލައިފް، ސްޓޭންޑްބައި މޯޑުގައި ގާތްގަނޑަކަށް 550 ގަޑިއިރު ހިފަހައްޓާއިރު "ޓޯކްޓައިމް" 11 ގަޑިއިރު ހިފަހައްޓަ އެވެ.

އެކްސްޕީރިއާ ޒެޑް އަށް ލިބިގެންވާ ގާބިލް ސިފަތަކުގެ ތެރޭގައި އެފޯނަކީ ވޯޓާ ރެސިސްޓެންޓް (ފެންނުވަން)، އަދި ޑަސްޓް ޕްރޫފް (ހިރަފުސް ނުވަންނަ) ގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. އަދި މީގެ އިތުރުން ވެސް އެތައްބައިވަރު ހާއްސަ ސިފަތަކެއް ލިބިގެންވާ ގެންގުޅެލަން ފަސޭހަ އަދި އެހާމެ ހިތްގައިމު ސޮނީ އެކްސްޕީރިއާ ޒެޑް ފޯނެއް ރީފްސައިޑުން ވިއްކާ އަގަކީ ޖީއެސްޓީ ހިމަނައިގެން 13900 ރުފިޔާ އެވެ. އަދި ހަމަ އެއާއެކު ރީފްސައިޑުން އެ ފޯނު ގަންނަ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ އޮފިޝަލް ވޮރެންޓީ ލިބޭނެއެވެ.

ރީފްސައިޑުން ބުނީ އެކުންފުނިން "ސޮނީ އެކްސްޕީރިއާ ޒެޑް" ސްމާޓްފޯން ވަކިވަކިން ގަންނަން ލިބެން ހުރި އިރު ގަނޑުކޮށް ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.