01 Apr 2013, 22:46
ދިވެހިރާއްޖޭގެ ޓެކްސް އަދި ޓްރޭޑް ފެސިލިޓޭޝަންގެ ދާއިރާގެ ގާބިލުކަން އިތުރު ކުރުމަށް ސިންގަޕޫރުގެ ތަމަސެކް ފައުންޑޭޝަންގެ ފަރާތުން ދިވެހި ސަރުކާރަށް 277،395 ޑޮލަރު (4.2 މިލިއަން ރުފިޔާ) ހިލޭ އެހީއެއްދީފަ އެވެ.
ސިންގަޕޯ ކޯޕަރޭޝަން އެންޓަޕްރައިސަސް (އެސްސީއީ)ގެ ފަންނީ އެހީތެރިކަމާ އެކު އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ރާއްޖޭގައި ޓެކްސް އަދި ޓްރޭޑް ފެސިލިޓޭޝަންގެ ދާއިރާ އިން ގާބިލުކަން އިތުރު ކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމަށް ސިންގަޕޫރު ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ތަމަސެކް ފައުންޑޭޝަންގެ ފަރާތުން ދިވެހި ސަރުކާރަށް ދިން ހިލޭއެހީ އާ ރާއްޖޭގެ ސަރުކާރުގެ ފަރާތުން ހަވާލުވި ކަމުގެ ގްރާންޓް ލެޓާގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު އަހްމަދު މުހައްމަދު އެވެ. އަދި ހިލޭއެހީ ދިވެހި ސަރުކާރަށް ހަވާލުކުރުމަށް ގްރާންޓް ލެޓާގައި ސޮއިކުރެއްވީ އެސްސީއީގެ ސީއީއޯ ކޮން ވައިމުން އެވެ.
މިރޭ ޓްރޭޑާސް ހޮޓަލުގައި އޮތް އެ ރަސްމީ ހަފްލާގައި އެސްސީއީ، ތަމަސެކް ފައުންޑޭޝަން އަދި އިކޮނޮމިކް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި އިންލެންޑް ރެވެނިއު އޮތޯރިޓީގެ އޮފިޝަލުން ބައިވެރިވެ ވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވި ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ޓެކްސް ނިޒާމްގައި ތަންފީޒުކުރުމުގައި އެންމެ ދައުރެއް އަދާކުރަމުން ގެންދަވާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އަށް އެހީތެރިކަން ފޯރުކޮށްދެވޭނޭ ކަމަށެވެ.
އެގޮތުން ސިންގަޕޫރުގައި ޖީއެސްޓީ ފަދަ ޓެކްސްތައް އަލަށް ތައާރަފްކޮށް ތަންފީޒު ކުރިއިރުގެ ތަޖްރިބާތައް ހިއްސާކުރުމުގެ އިތުރުން ޓެކްސް އޯޑިޓް އަދި އިންވެސްޓިގޭޝަން، ޓެކްސް ކޮމްޕްލައިންސް އަދި އެންފޯސްމެންޓްގެ އިތުރުން ޓެކްސް ޕޭޔާސް ސަޕޯޓް ސާވިސަސް ފަދަ ދާއިރާތަކުން ފަންނީ ގާބިލުކަން އިތުރަށް ހަރުދަނާ ކުރުމަށް ޓެކްސް ދާއިރާގެ ގާތްގަނޑަކަށް 70 ފަރާތަކަށް ތަމްރީން ފޯރުކޮށްދެވޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގައި ވިޔަފާރި ހިންގުމުގައި މިހާރަށްވުރެ ލުއިފަސޭހަ އުސޫލުތަކާއި ނިޒާމުތައް ގާއިމުކުރުމަށް ކުރެވިދާނޭ ކަންތައްތަކަކީ ކޮބައިތޯ ދެނެގަތުމަށް ސަރުކާރުގެ މުއައްސަސާތަކާއި ޕްރައިވެޓް ސެކްޓަރާއި މަޝްވަރާކުރެވި، ސިންގަޕޫރުގެ ތަޖުރިބާގެ އަލީގައި ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށް "އެއް ފުރާޅެއްގެ ދަށުން ވިޔަފާރި ހިންގުމަށް ބޭނުންވާނޭ ހުއްދަތަކާއި ލައިސަންސްތައް ލިބޭނޭ މަގު ފަހިކޮށްދޭނޭ" ލުއިފަސޭހަ ނިޒާމެއް ގާއިމު ކުރުމަށްޓަކައި ކުރެވިދާނޭ ކަންތައްތަކާއި ބެހޭގޮތުން ފަންނީ އެހީތެރިކަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ފޯރު ކޮށްދެވޭނޭ ކަމަށެވެ. އެގޮތުން އެދާއިރާގައި ހަރަކާތްތެރިވާ 30 މުވައްޒަފަކަށް ފަންނީ ތަމްރީނު ފޯރުކޮށްދެވޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި އެފަދަ ނިޒާމެއްގެ ސަބަބުން ވިޔާފާރީގެ ބައެއް ހަރަދުތައް ކުޑަކުރެވި ލިޔެކިޔުމުގައި ހޭދަވާ ވަގުތުތަށް ސަލާމަތްކުރެވުމުގެ އިތުރުން ސަރުކާރުން ވިޔަފާރިވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުން ހަލުއިވެގެން ދާނޭކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޓްރޭޑް މިނިސްޓްރީން ބުނެފައިވާ ގޮތުގައި "ކެޕޭސިޓީ ބިލްޑިންގް ޕްރޮގްރާމް އޮން ޓެކްސް އެންޑް ޓްރޭޑް ފެސިލިޓޭޝަން އިން ދަ މޯލްޑިވްސް" ތަމްރީނު ޕްރޮގްރާމްގައި ތަމްރީން ދެއްވާނީ ސިންގަޕޫރުގެ ފަންނީ މާހިރުން ނެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން ސިންގަޕޫރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ދިވެހި ސަރުކާރުގެ އޮފިޝަލުންނަށް ފަހިކޮށްދެވޭނެ އެވެ.