ދުނިޔޭގެ އެކި ގައުމުތަކުގައި ސިޔާސީ އިސް ފަރާތްތަކާ ގުޅިގެން ބޮޑެތި ޖަރީމާތައް ހިންގުމުގެ އިތުރުން ޑްރަގްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރާ، އަރްމީނިއާގެ، އާތާ ބްރަދާސް ގެ ދެބެން ރާއްޖެ އައިސް އުޅޭ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެކަން ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ދެ މީހުން ރާއްޖޭގައި އުޅޭ ކަމުގެ މައުލޫމާތު ލިބުމުން އެ މައުލޫމާތު ހިއްސާކުރަންޖެހޭ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް މިދިޔަ ޖެނުއަރީ މަހު ހިއްސާކޮށްފައިވާނެ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކާ ގަވާއިދުތަކާ ޚިލާފަށް އެމީހުން އެވެސް ކަމެއް ކޮށްފައިވޭތޯ ބަލަމުންގެންދާ ކަމަށެވެ. އަދި އިންޓަޕޯލް މެދުވެރިކޮށް ވެސް އެ މީހުންގެ މައުލޫމާތު ހޯދާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އިންޓަޕޯލުން ދިން މައުލޫމާތުގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

އާތާ ބްރަދާސް އަށް ރާއްޖެ އިން ވިސާ ހޯދައިދިނުމަށް އެދި ޓޫރިޒަމް މިނިސްޓްރީން އިމިގްރޭޝަނަށް ފޮނުވާފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން މި އަހަރުގެ ޖެނުއަރީ މަހު އިމިގްރޭޝަނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އާތާ ބްރަދާސް ވޯލްޑް ކަނެކްޝަން ޕްރައިވެޓް ލިމިޓެޑްގެ ދެ ހިއްސާދާރުން ކަމަށްވާ، އާތާ ސާގްސްޔަން އާއި ފޮޑަޒިން ސާގްސްޔަން އަށް ރެސިޑެންސް ވީސާ ލިބޭނެ ގޮތް ހަދައިދިނުމަށް އެދޭ ކަމަށެވެ.

އެ ސިޓީގައި ބުނެފައި ވަނީ އާތާ ބްރަދާސް ވޯލްޑް ކަނެކްޝަން ޕްރައިވެޓް ލިމިޓެޑަކީ ޓޫރިޒަމްގެ ވިޔަފާރީގައި އިންވެސްޓް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ދެ މީހުން ކަމަށެވެ. އަދި ބުނެފައި ވަނީ އެ ދެ މީހުންނަކީ ރާއްޖޭގައި ދިގު މުއްދަތަކަށް ވިޔަފާރި ކުރުމަށް ބޭނުންވާ ބަޔައެއް ކަމަށާއި ރެސިޑެންސް ވީސާ ބޭނުން ވަނީ އެހެންވެ ކަމަށެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އެކޮނަމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އާތާ ސަރުގެ ސިއަންއާއި، އާތަކް ސަރުގެސިއަންގެ ހިއްސާއާ އެކު ރާއްޖޭގައި އުފައްދާފައިވާ ކުންފުންޏަކީ އާތާ ބްރަދާޒް ވޯލްޑް ކަނެކްޝަން ޕްރައިވެޓް ލިމިޓެޑް ކަމަށެވެ.

އާތާ ބްރަދާޒްގެ މައްސަލަ ފެންމަތިވެގެން ގޮސްފައި ވަނީ، ކެންޔާގައި ވެސް ގިނަ ޖަރީމާތަކެއް ހިންގާފައިވާ ދެބެން ރާއްޖޭގައި އުޅޭ ކަމަށާއި ދެބެން މަސައްކަތް ކުރަމުންދަނީ ސިޔާސީ ބައެއް އިސް ބޭފުޅުން އަވަހާރަކޮށްލަން ކަމަށް ބުނެ ސޯޝަލް މީޑިއާތަކުގައި ދައްކަމުންދާ ވާހަކަތައް ފެންމަތިވެފައިވަނިކޮށެވެ.

ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް ހުއްދަ ނަގާފައިވާ، އާތާ ބްރަދާޒް ވޯލްޑް ކަނެކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަސް ހިއްސާދާރުންގެ ތެރޭގައި ދިވެއްސެއް ހިމެނެ އެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު ރަޖިސްޓަރީކޮށްފައިވާ ކުންފުނީގެ ދިވެހި ހިއްސާދާރެއްގެ ގޮތުގައި އެންމެ ފުރަތަމަ ހުރީ ހ. އެވާޗާންސް، އިސްމާއިލް ވަސީމެވެ.

އާތާ ބްރަދާޒްގެ ދެބެންނާއި، އިސްމާއިލް ވަސީމްގެ އިތުރުން ކުންފުނި ރަޖިސްޓްރީކުރި އިރު ހިއްސާދާރުންގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ފަރަންސޭސިވިލާތުގެ ދެ މީހުން ކަމަށްވާ ގޮޑަޒިން ސަރުގެސިއަންއަކާއި އެޑްގާ ސަރުގެސިއަން އެވެ.

ކުންފުނީގެ ހިއްސާތައް ބަހާފައިވާ ގޮތަކީ އަރުމީނިއާގެ ދެބެންގެ ތެރެއިން އެކަކަށް ކުންފުނީގެ 61 ޕަސެންޓް ހިއްސާއާއި ދެވަނަ އާތަރ ބްރަދާއަށް 19 ޕަސެންޓް ހިއްސާ އެވެ. ފަރަންސޭސި މީހުންގެ ތެރެއިން އެކަކަށް 10 އިންސައްތަ ހިއްސާ ދީފައިވާ އިރު، ފަރަންސޭސިވިލާތުގެ އަނެއް މީހާއަށް ދީފައި ވަނީ ހަތް އިންސައްތަ ހިއްސާ އެވެ. ކުންފުނީގައި ހިމެނޭ ދިވެހި ހިއްސާދާރަށް ދީފައި ވަނީ ތިން އިންސައްތަ ހިއްސާ އެވެ.

އިކޮނަމިކް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އިސްމާއިލް ވަސީމަށްވާ ތިން އިންސައްތަ ހިއްސާ ވަނީ ހ. އެވާޕީސް، އަބްދުﷲ ޝައްފަތުއަށް ބަދަލުކޮށްފަ އެވެ.