01 Apr 2013, 17:00
ހދ. ކުރިނބީއަށް ގޮސް ހުރި ފަންޑިތަހަދާ ކަމަށް ތުހުމަތު ކުރާ މީހަކު ހައްޔަރުކޮށްފި އެވެ.
ކުރިނބީން ވާހަކަ ދެއްކި މީހަކު ބުނީ ފަންޑިތާ ހަދާ ކަމަށް ތުހުމަތު ކުރާ އެ އަތޮޅު ކުޅުދުއްފުށީ އާދަމްބެ އެ ރަށަށް އަރައިފި ނަމަ ހޭއަރުވާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ލިޔުންތަކެއް މީގެ ހަފްތާއެއް ކުރިން ކަރުދާސްތަކެއްގައި ލިޔެ އެ ރަށު ބައެއް ސަރަހައްދުތަކުގައި ތަތްކޮށްފައި ހުރި ކަމަށެވެ.
އަދި މީގެ ތިން ދުވަސްކުރިން އެރަށަށް އާދަމްބެ ދިއުމުން އެ ރަށު ބައެއް މީހުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ހެދި ކަމަށެވެ.
ކުރިނބީން ވާހަކަ ދެއްކި މީހާ އަދި ބުނީ ފުލުހުން މިއަދު އެރަށަށް ގޮސް އާދަމްބެ ކުރިނބީގައި ދިރިއުޅޭ ގުލްފާމުގެ ބަލާ ފާސްކޮށް ފޮތަކާއި ބައެއް ގަނޑުތައް ގެންގޮސްފައިވާ ކަމަށެވެ. އަދި އެތަކެތި ގެންދަން ފުލުހުން މަސައްކަތް ކުރުމުން އެތަކެތި ނުދޭން އާދަމްބެ މަސައްކަތް ކުރި ކަމަށް ވެސް މަންޒަރު ދުށް އެމީހާ ސަން އަށް ކިޔައިދިނެވެ. ކުރިނބީން ވާހަކަ ދެއްކި މީހާ ބުނީ އާދަމްބެ އެރަށަށް ދިޔައީ ސީދާ ކޮންކަމަކަށް ފަންޑިތަ ހަދަން ކަމެއް އެނގިފައިނުވާ ކަމަށެވެ. ނަމަވެސް އާދަމްބެ އަކީ އެ ރަށަށް ދޭތެރެ ދޭތެރެ އިންދާ މީހެއް ކަމަށާއި އެކަމާ ގުޅިގެން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް ވެސް އެމީހާ ބުންޏެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ސިހުރު ހަދާ ކަމުގެ ތުހުމަތުގައި 57 އަހަރުގެ މީހަކު ހދ. ކުރިނބީން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހާއާ ބެހޭ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ކުރިނބީ ކައުންސިލްގެ ރައީސް މުހައްމަދު އަފްރާހު ވިދާޅުވީ އެ ރަށުގައި ހުރި އެއަތޮޅު ކުޅުދުއްފުށީ މީހަކު ހައްޔަރުކުރިކަން އެނގިފައިވާ ކަމަށާއި ނަމަވެސް އެކަމާ ބެހޭ ތަފްސީލް އެނގިވަޑައިނުގަންނަވާ ކަމަށެވެ.