18 Oct 2010, 09:28
ޓީޖީއެސްޓީ ގާނޫނުގެ ދަށުން ދޭ ތަންތަން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ފަށައިފި އެވެ.
ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ދޭ ހިދުމަތާއި ތަކެތީގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ޓީޖީއެސްޓީ)ގެ 37 ވަނަ މާއްދާގެ ދަށުން އެފަދަ ތަންތަން ރަޖިސްޓްރީ ކުރަންޖެހެ އެވެ.
އޭގެ ތެރޭގައި އެ ގާނޫނު ފާސްވާއިރު ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގާ ރިސޯޓުތަކާއި ޕިކްނިކް އައިލެންޑްތަކާއި ގެސްޓް ހައުސްތަކާއި ޓޫރިސްޓު އުޅަނދުތަކާއި އެފަދަ ތަނުގައި ގާއިމުކޮށްފައިވާ ޑައިވިން ސްކޫލްތަކާއި ފިހާރަތަކާއި ސްޕާތަކާއި ވޯޓާ ސްޕޯޓް ފެސިލިޓީސްތަކާ އެފަދަ ތަންތަނާއި ދަތުރުފަތުރުތައް ރާވާ ހިންގުމުގެ ހިދުމަތްތަކާއި ރާއްޖޭގެ އެތެރޭގައި ޓޫރިސްޓުންނަށް ވަޔާއި ކަނޑުގެ ދަތުރު ފަތުރު ކުރާ ހުރިހާ ފަރާތްތަކެއް ހިމެނެ އެވެ. އެ ހުރިހާ ތަންތަނެއް ވެސް ރަޖިސްޓްރީ ކުރަންޖެހެ އެވެ.
ޓީޖީއެސްޓީ ގާނޫނުގައިވާ ގޮތުން ގާނޫނުގައި ޓެކްސް ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ އެންމެހާ ތަންތަން ގާނޫނު ފާސްކޮށް ތަސްދީކޮށް ގެޒެޓް ކުރާތާ 60 ދުވަހުގެ ތެރޭގައި ރަޖިސްޓްރީކޮށް ނިންމަންޖެހެ އެވެ.
ގާނޫނު ފާސްކޮށް ތަސްދީގު ކުރީ ސެޕްޓެމްބަރު8، 2010ގަ އެވެ. އިންލެންޑް ރެވިނިއު އިން ބުނީ ނޮވެމްވަރު 7، 2010ގެ ކުރިން ހުރިހާ ފަރާތްތަކެއް ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށެވެ.