01 Apr 2013, 16:51
ބްލޫ ލެގޫން އިންވެސްޓްމަންޓުން ހިންގަމުންދާ އއ. މަޑޫގަލި ރިސޯޓު ހިންގުން އެ ކުންފުނީގެ ތިން ހިއްސާދާރުންގެ ތެރެއިން ހ. މިރިހި ހުސައިން ޝަރީފާ ހަވާލުކުރިކަމަށް އަންގައި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އަބްދުލްޣަފޫރު ސޮއިކުރައްވައި ފޮނުވި ސިޓީ ބާތިލް ކުރުމަށް އަނެއް ދެ ހިއްސާދާރުން ސިވިލް ކޯޓުގައި ދައުވާ ކޮށްފި އެވެ.
މިހާތަނަށް އެ ރިސޯޓު ހިންގަމުން އައީ އެ ކުންފުނީގެ އަނެއް ދެ ހިއްސާދާރުން ކަމަށްވާ ގ. ބޮޑުގާދޮށުގޭ ހަސަން އަފީފާއި މ. މަތިދޫ މޫސާ ހަސަން އެވެ.
އެ ދެ މީހުންގެ ތެރެއިން ހަސަން އަފީފްގެ ގާނޫނީ ވަކީލަކީ މުހައްމަދު ފަރީދު އެވެ. އަދި މޫސާ ހަސަންގެ ވަކީލަކީ އަހްމަދު އަބްދުﷲ އަފީފް އެވެ.
މިއަދު ސިވިލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހަޅަމުން ހަސަން އަފީފްގެ ވަކީލު ފަރީދު ވިދާޅުވީ މަޑޫގަލި ރިސޯޓު ހިންގުން ހުސައިން ޝަރީފާ ހަވާލުކުރި ކަމަށް ކަނޑައަޅައި ޓޫރިޒަމް މިނިސްޓަރު ފޮނުވި ސިޓީ އަކީ ބާތިލް އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ.
ދައުވާ ހުށަހެޅުމަށް ފަހު އެ ދެ މީހުންގެ ވަކީލުން ވަނީ ޓޫރިޒަމް މިނިސްޓަރު ސޮއިކުރައްވައި ފޮނުވި ސިޓީއަށް އަމަލު ކުރުން އެ މައްސަލައިގެ ޝަރީއަތް ނިމޭންދެން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފަ އެވެ.
ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އަލީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދައުވާއަށް ޖަވާބުދާރީވުމަށް ދައުލަތަށް ފުރުސަތު ދިނުމަށް ފަހު އެވެ. އަދި ވަގުތީ އަމުރަށް ދައުލަތުން ޖަވާބުދާރީވުމަށް މާދަމާ ޝަރީއަތުގެ މަޖިލީހެއް ބާއްވަން ވެސް ގާޒީ ވަނީ ނިންމަވާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އެގޮތަށް އަންގާފައި ވަނީ ހުސައިން ޝަރީފް އެ މިނިސްޓްރީއަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.
އޭނާ ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ކުންފުނީގެ އަނެއް ދެ ހިއްސާދާރު ކަމަށްވާ ހަސަން އަފީފާއި މޫސާ ހަސަންގެ މައްޗަށް ރައްދުވާ ގޮތަށް އޭނާ ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވާނެ ކަމަށެވެ.
ފުލުހުންނަށް ހުށަހެޅި މައްސަލައަކީ އެ ދެ މީހުން ކުންފުނީގެ މުދާ ނަހަމަގޮތުގައި ބޭނުންކޮށް މަކަރާއީ ހީލަތް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށާއި އެހެންކަމުން އެ މައްސަލަ ނިމެންދެން އޭނާ ކަނޑައަޅާ މެނޭޖްމަންޓަކާ އެކު ރިސޯޓު ހިންގުމުގެ ހުއްދަ ދިނުމަށެވެ.
އެ ސިޓީގެ ޖަވާބުގައި ޓޫރިޒަމް މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައި ވަނީ ރިސޯޓުން ފަތުރުވެރީންނަށް ލިބެންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި އޮމާންކަމާ އެކު ރިސޯޓުގެ ހިންގުން ކަށަވަރު ކުރުމަށްޓަކައި ހިއްސާދާރުންގެ މެދުގައި އޮތް މައްސަލަ ހައްލު ކުރެވެން ދެން، ހުސައިން ޝަރީފް އެކުލަވާލާ މެނޭޖްމަންޓަށް އެއްބާރުލުން ދިނުމަށް ހުރިހާ ފަރާތެއްގެ ކިބައިން ވެސް އެދޭ ކަމަށެވެ.