ޕެންޝަނާ ބެހޭ ގާނޫނަށް މިހާރު ހުށަހަޅައިފައިވާ އިސްލާހުތަކަކީ ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެ ނިޒާމް ހިންގުމަށް އެޅިދާނެ ހުރަހެއްކަމަށް ޕެންޝަން އެޑްމިނިސްޓުރޭޝަން އޮފީހުން މިއަދު ބުނެފިއެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މަޖިލީހަށް ހުށަހަޅައިފައިވާ ބިލުގައި މުއައްޒިފުންގެ މުސާރައިން ޕެންޝަނަށް ކަނޑާ ފައިސާ ނެގުމުގެ އިހްތިޔާރު ކޮންމެ މީހަކަށް އޮންނަން ވާނެ ކަމަށާއި ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ނެގޭނީ ހައްޖަށް ދިއުމަށާއި ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމަށާއި މަތީ ތައުލީމު ހާސިލުކުރުމަށާއި ގެދޮރު އިމާރާތް ކުރުމަށް އަދި އަމިއްލަ ވިޔަފާރިއެއް ފެށުމަށް ކަމަށް ބުނެފައިވެއެވެ.

ޕެންޝަން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ އޮފީހުގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކު ވިދާޅުވީ އެގޮތަށް އެ ބިލް ފާސްވެއްޖެނަމަ އެކަމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގެމަތިން ޕެންޝަން ނިޒާމް ހިންގުމަށް ހުރަސް އެޅިދާނެ ކަމަށާއި އެއިސްލާހްތަކަކީ އެ އޮފީހުން ތާއީދު ކުރާ އިސްލާހްތަކެއް ނޫން ކަމަށެވެ.

"އެގޮތަށް ފާސްވެއްޖެނަމަ އަލުގަނޑުމެނަށް ލިބޭ އެއްޗެއް ދެބައިކުޅަ އެއްބައި ކުޑަވޭ، އެހެންކަމުން މިއީ އަޅުގަނޑުމެން ފެށި އިރު ވެސް އަޅުގަނޑުމެންގެ ވިސްނުމެއް ނޫން، އަދި އާންމުކޮށް އަޅުގަނޑުމެން ގެންގުޅޭ ޓެކްނިކަލް ވިސްނުމުން ވެސް ކުރާވަރުގެ ކަމެއްވެސް ނޫން،" ހުސެއިން މަނިކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރުގެ ދިރިއުޅުމުގެ ފެންވަރުތައް ހުރިގޮތުން އެގޮތަށް ފައިސާ ނެގޭ ނަމަ ގިނަބަޔަކު އެފަންޑުން ފައިސާ ނަގާނެ ކަމަށެވެ. އަދި އެގޮތަށް ނަގާނަމަ އެފަންޑަށް ބޮޑު އަސަރެއްކޮށް އެފަންޑުން ބޭނުންވާ މަގުސަދު ހާސިލް ނުވާނެ ކަމަށެވެ. އަދި އެގޮތަށް ބަދަލު ކުރާން ނިންމި ނިންމުމަމަކީ ވަރަށް ކުރު މުއްދަތަކަށް ވިސްނައިފައި ނިންމާފައިވާ ނިންމުމެއްކަމަށް ވިދާޅުވިއެވެ.

އެއޮފީހުން މިހާރު ކުރަމުންދާ މަސައްކަތްތަކަށް އަލި އަޅުވައިލައި ހުސެއިން މަނިކު ވިދާޅުވީ އެފަންޑުން އިންވެސްޓުކުރުމަށްޓަކައި މިހާރު ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން 50 މިލިއަން ރުފިޔާގެ ބޮންޑު ގަނެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ޕެންޝަން ފަންޑުގައި 1826 ކުންފުއްޏަކުން ރަޖިސްކޮށްފައިވާއިރު ކޮންޓްރިބިއުޝަނެއްގެ ގޮތުގައި ފައިސާދައްކާ 73304 މީހުން ތިބި ކަމަށެވެ. އަދި އެފަންޑުގައި 95000 އެކައުންޓް ހުޅުވިފައިވާއިރު އެފަންޑުގައި ޖުމުލަ 1.8 ބިލިއަން ރުފިޔާ އެބަހުރި ކަމަށެވެ. އަދި އެފަންޑުން 15400 ފަރާތަކަށް ބޭސިކް ޕެންޝަންގެ ގޮތުގައި މަހަކު 35 މިލިއަން ރުފިޔާ ދޭއިރު ސަރުކާރުގެ ބަޖެޓުން 7300 ފަރާތަކަށް އެހެނިހެން ޕެންޝަންގެ ގޮތުގައި 19 މިލިއަން ރުފިޔާ ދޫކުރާކަމަށް އޭނާ ވިދާޅުވިއެވެ.