01 Apr 2013, 16:29
ދުނިޔޭގެ އެކި ގައުމުތަކުގައި ސިޔާސީ އިސް ފަރާތްތަކާ ގުޅިގެން ބޮޑެތި ޖަރީމާތައް ހިންގުމުގެ އިތުރުން ޑްރަގްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރާ، އަރްމީނިއާގެ، އާތާ ބްރަދާސް އަށް ރާއްޖެ އިން ވިސާ ހޯދައިދިނުމަށް އެދި ޓޫރިޒަމް މިނިސްޓްރީ އިމިގްރޭޝަނަށް ފޮނުވާފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މި އަހަރުގެ ޖެނުއަރީ މަހު އިމިގްރޭޝަނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އާތާ ބްރަދާސް ވޯލްޑް ކަނެކްޝަން ޕްރައިވެޓް ލިމިޓެޑްގެ ދެ ހިއްސާދާރުން ކަމަށްވާ، އާތާ ސާގްސްޔަން އާއި ފޮޑަޒިން ސާގްސްޔަން އަށް ރެސިޑެންސް ވީސާ ލިބޭނެ ގޮތް ހަދައިދިނުމަށް އެދޭ ކަމަށެވެ.
އެ ސިޓީގައި ބުނެފައި ވަނީ އާތާ ބްރަދާސް ވޯލްޑް ކަނެކްޝަން ޕްރައިވެޓް ލިމިޓެޑަކީ ޓޫރިޒަމްގެ ވިޔަފާރީގައި އިންވެސްޓް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ދެ މީހުން ކަމަށެވެ. އަދި ބުނެފައި ވަނީ އެ ދެ މީހުންނަކީ ރާއްޖޭގައި ދިގު މުއްދަތަކަށް ވިޔަފާރި ކުރުމަށް ބޭނުންވާ ބަޔައެއް ކަމަށާއި ރެސިޑެންސް ވީސާ ބޭނުން ވަނީ އެހެންވެ ކަމަށެވެ.
ނަމަވެސް އެ ސިޓީގެ ސައްހަކަން ވަނީ ސާފުކުރެވޭ ގޮތް ނުވެފަ އެވެ.
އާތާ ބްރަދާސްއާ ބެހޭ ގޮތުން މީޑިއާގައި ފެންމަތިވެފައިވާ މައްސަލަތައް ތަހުގީގު ކުރުމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ފުލުހުންނަށް އަންގަވައިފަ އެވެ.
އާތަރ ބްރަދާޒް ވޯލްޑް ކަނެކްޝަންގެ ނަމުގައި މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު އެ ކުންފުނި އިކޮނަމިކް މިނިސްޓްރީގައި ރަޖިސްޓަރީކުރި އިރު، ދިވެހި ހިއްސާދާރެއްގެ ގޮތުގައި އެންމެ ފުރަތަމަ ހުރީ ހ. އެވާޗާންސް، އިސްމާއިލް ވަސީމެވެ. ނަމަވެސް އޭނާގެ ހިއްސާ ވަނީ ހ. އެވާޕީސް، އަބްދުﷲ ޝައްފަތުއަށް ފަހުން ބަދަލުކޮށްފަ އެވެ.