ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް ނުރައްކަލެއް އޮތް ކަމަށް ބުނެ، އެއްވެސް ފަރާތަކުން އަންގާފައެއް ނެތް ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެމްއެންޑީއެފްގެ ތަރުޖަމާން އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ އޮފީހުން އެ މަނިކުފާނު އަވަހާރަ ކޮށްލުމަށް ބަޔަކު މީހުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ބަޔާނެއް ނެރުމާ ގުޅިގެން އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް (އެސްޕީޖީ) މެދުވެރި ކޮށް، އެމަނިކުފާނަށް ނުވަތަ އެމަނިކުފާނުގެ ފުރާނަފުޅަށް އެއްވެސް ނުރައްކަލެއް އޮތްތޯ ބެލި ކަމަށެވެ. ނަމަވެސް މިހާތަނަށް ބެލިބެލުމުން އެމަނިކުފާނަށް ނުރައްކަލެއް އޮތް ކަމަށް އެއްވެސް ފަރާތަކުން އަންގާފައި ނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ކުރީގެ ރައީސް ނަޝީދުގެ އޮފީހުން އެ މަނިކުފާނު އަވަހާރަ ކޮށްލުމަށް ބަޔަކު މީހުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވީމަ އަޅުގަނޑުމެން އަޅުގަނޑުމެންގެ އެސްޕީޖީ ގުރޫޕް މެދުވެރި ކޮށް އެކަން ބެލިން. އެމަނިކުފާނުގެ ފުރާނަފުޅަށް ވެސް އަދި އެއްވެސް ބަޔަކު އެމަނިކުފާނު އަވާހަރަ ކޮށްލަން އުޅޭ ކަމުގެ މައުލޫމާތެއް އަޅުގަނޑުމެންނަކަށް ލިބިފައެއް ނެތް. އެސްޕީޖީ އަބަދުވެސް އެކަންތައްތައް ބަލަމުން ގެންދާނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދުގެ އޮފީހުން ބަޔަކު މީހުން އެމަނިކުފާނު އަވަހާރަ ކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބޭރުގެ ކުލީ ސިފައިން ލައްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު މަސައްކަތް ކުރާ ކަމުގެ އަޑުތައް ފެތުރެމުންދާ ކަމަށް ރައީސް މުޙައްމަދު ނަޝީދުއަށް ތާއީދުކުރައްވާ ނިސްބަތުން ގިނަ ފަރާތްތަކަކުން ގެންދަވަނީ އެމަނިކުފާންގެ އޮފީހަށް ސިޓީ ފޮނުވަމުން ކަމަށެވެ. އަދި އެމަނިކުފާނު އަވަހާރަކޮށްލުމަށް ދުރުމީ ހަރުކޮށްފައިވާ ބަޑިއެއް އެތެރެ ކޮށްފި ކަމަށާއި އެކަން ކުރާނެ ކަމަށް ތުހުމަތުކުރެވޭ ބިދޭސީ ދެ މީހަކު މިހާރު ރާއްޖެ އަތުވެއްޖެ ކަމަށް އަޑު ފެތުރޭ ކަމަށް ވެސް ރައީސް އޮފީހަށް އަންގާފައިވާނެ ކަމަށެވެ.