01 Apr 2013, 15:14
ޕްރޮވިޝަން އޮފް ގުޑްސް ފޯރ އެޑްރެސިން ކްލައިމެޓް ޗޭންޖް މަޝްރޫއުގެ ދަށުން ޗައިނާ ސަރުކާރުން ދެއްވާ ހިލޭ އެހީއެއްގެ ގޮތުގައި ދިވެހި ރާއްޖެ އަށް 250،000 ލެޑް ޓިއުބު ލައިޓް ހަދިޔާ ކޮށްފި އެވެ.
މިއަދު މެންދުރު ފަހު ޝީ ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ލައިޓްތައް ދިވެހި ސަރުކާރާ ހަވާލު ކުރެއްވީ ޗައިނާގެ ނެޝަނަލް ޑިވެލޮޕްމެންޓް ރިފޯމްގެ ޑެޕިއުޓީ ޑިރެކްޓަރު މިސްޓަރ މެންގ ޒިއަންގޫ އެވެ. ސަރުކާރުގެ ފަރާތުން އެ ލައިޓް ތަކާއި ހަވާލުވެ ވަޑައިގަތީ ތިމާވެއްޓާ ބެހޭ ވަޒީރު ޑރ. މަރިޔަމް ޝަކީލާ އެވެ.
ހޮޅިބުރިތަކާ ހަވާލު ވެވަޑައިގަތުމަށް ފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ޝަކީލާ ވިދާޅުވީ ރާއްޖެއިން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދެއްވި އެ ހޮޅިބުރިތައް ރާއްޖޭގެ ހުރިހާ ރަށަކަށް ފޮނުއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ޓިއުބްތައް ތަންތަނުގައި ހަރުކޮށް އޭގެ ބޭނުން ކުރާން ފެށުމުން ކަރަންޓަށް މިހާރު ކުރާ ހޭދައިގެ ބޮޑު އިންސައްތައެއް މަދުކުރެވޭނެ ކަމަށެވެ.
"ޗައިނާ ސަރުކާރުން އަޅުގަނޑުމެންގެ ކަރަންޓު ޚަރަދު ކުޑަކުރަން ދެއްވި ހިލޭ އެހީއެއް މިއީ. މި ލައިޓްތައް ރާއްޖޭގެ ހުރިހާ ރަށަކަށް އަޅުގަނޑުމެންނަށް ބަހާލެވޭނެ. އަޅުގަނޑުމެން އެކަން ކުރާނެ ގޮތެއް ފަހުން އިއުލާން ކުރާނަން،" ޝަކީލާ ވިދާޅުވި އެވެ.
ޗައިނާ ސަރުކާރުން ހިލޭ ރާއްޖެއަށް މި ދެއްވި ލެޑް ޓިއުބު ލައިޓްތަކަށް ޗައިނާގެ ފައިސާ އިން ބަލާއިރު 24 މިލިއަން ޔުއާން އަރައެވެ.
ލެޑް ޓިއުބު ލައިޓް ރާއްޖެއަށް އާއްމުކޮށް ތައާރަފް ކޮށްފައިވަނީ 2008 ވަނަ އަހަރު ދަރުބާރު ގޭގައި ބޭއްވި "މޯލްޑިވްސް ހޮޓެލް އެންޑް ޓްރޭޑް އެގްޒެބިޝަން 2008" ގައި އިނގިރޭސި ވިލާތުގެ އެސްކޭކޭ ލައިޓިން ކުންފުނިންނެވެ.