ނޭޕާލްގައި ވެރިރަށް ކަތަމަންޑޫގައި މާދަމާ ފަށާ އޭއެފްސީ 14 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖެއިން ބައިވެރިނުވާން އެފްއޭއެމުން ނިންމައިފި އެވެ.

އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނެޝަނަލް ޓީމް، އަލީ ސުޒޭން މިއަދު ވިދާޅުވީ މުބާރާތުގައި ރާއްޖެއިން ބައިވެރި ނުވާން ނިންމީ ފައިސާގެ ދަތިތަކެއް އުޅޭތީވެ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރި ނުވާން ނިންމާފައިވާކަން އޭއެފްސީއަށް އަންގާފައި ވާނެ ކަމަށް ވެސް ސުޒޭން ވިދާޅުވިއެވެ.

"މުބާރާތުގައި ބައިވެރި ނުވާން ނިންމީ ފައިސާގެ ދަތިތަކެއް އުޅޭތީ. އެކަން މިހާރު ވަނީ އޭއެފްސީއަށް ވެސް އަންގައިފައި." ސުޒޭން ވިދާޅުވިއެވެ.

އެފްއޭމްއިން އެގޮތަށް ނިންމުމުން މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ބެލެނިވެރިން ވަނީ އެކަމާ ހިތް ހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން މުބާރާތުގައި ވާދަކުރުމަށް ގައުމީ ސްކޮޑަށް ނެގި ކުޅުންތެރިއެއްގެ ބެލެނިވެރި އަކު މިއަދު ސަންއޮންލައިނާ ވާހަކަ ދައްކަމުން ބުނީ، އޭނަގެ ދަރިފުޅު މުބާރާތަށް ތައްޔާރު މުމަށް ގިނަ ފަރިތަ ކުރުންތަކެއްގައި ބައިވެރި ކުރިކަމަށާއި މުބާރާތް ފެށެން ކާރިވުމުން އެފްއޭއެމުން އެ ނިންމި ނިންމުމަކީ ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ 14 އަހަރުން ދަށުގެ ގައުމީ ޓީމް ބައިވެރި ނުވާން ނިންމުމުން އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ކުރައްވައިފައި ވާ ޓްވީޓެއްގައި ބުނެފައި ވަނީ " އެފްއޭއެމްގެ އެނިންމުމަށް ރާއްޖެއާ މެދު އޭއެފްސީން ފިޔަވަޅުން ވަރަށް ގާތް. އަދި ރާއްޖޭގެ ޒުވާން އުމުރުފުރާގެ ޓީމުތައް އެ މުބާރާތުގައި ބައިވެރިނުކުރުމަކީ ކުރިމަގަށް އެޅޭ ހުރަހެއް" ކަމަށް އާޒިމް ލިއުއްވާފައިވެއެވެ.

މުބާރާތުގައި ރާއްޖެއިން ބައިވެރި ނުވާން ނިންމިއިރު، ކޮލިފައިންގައި ރާއްޖެ ހިމެނިފައި ވަނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާއެކު ގްރޫޕް ސީ ފަޅީގައެވެ. އަދި ގްރޫޕުގައި ދެން ހިމެނޭ ގައުމު ތަކަކީ އަފްގާނިސްތާނާއި އުޒުބެކިސްތާނާއި ތަޖިކިސްތާން އަދި ބޫޓާނެވެ.