01 Apr 2013, 14:56
ދުނިޔޭގެ އެކި ގައުމުތަކުގައި ސިޔާސީ އިސް ފަރާތްތަކާ ގުޅިގެން ބޮޑެތި ޖަރީމާތައް ހިންގުމުގެ އިތުރުން ޑްރަގްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރާ، އަރްމީނިއާގެ ދެބެން ކަމަށްވާ އާތަރ ބްރަދާޒް ރާއްޖެ އަށް އައިސް އުޅޭތީ އެ މީހުނާ މެދު މީޑިއާގައި ކުރާ ތުހުމަތުތަކަކީ ހަގީގަތެއްތޯ ބެލުމަށް ފުލުހުނަށް އަންގަވާފައިވާނެ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ އެ ދެ މީހުން ރާއްޖެ އައިސް އުޅެނީ ކިހިނެއްތޯ އާއި އެ މީހުންނާ ބެހޭ ގޮތުން މީޑިއާގައި ކުރާ ތުހުމަތުތައް ބެލުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.
އާތަރ ބްރަދާޒްގެ ނަމުގައި އަރުމީނިޔާގައި ކުންފުންޏެއް ހިންގަމުން އަންނަ، އަރްމީނިއާގެ އާތަރ ސަގަރްސިޔަން އާއި އާތަރ އާތަގް ސަގަރްސިޔަންއާ ބެހޭ ގޮތުން ބައިނަލްއަގުވާމީ މީޑީއާގައި ރިޕޯޓް ކޮށްފައިވާ ހަބަރުތަކުން އެނގޭ ގޮތުގައި އެ ދެބެން ވަނީ ކެންޔާގައި އެގައުމުގެ ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާ ގުޅިގެން ޑްރަގް ޓްރެފިކިންގެ ބޮޑު ކަންތައް ގަނޑެއްގައި ބައިވެރިވެފަ އެވެ. އަދި ކެންޔާގެ ނޫސްތަކުން އެކަން ރިޕޯޓް ކުރުމުން އެގައުމުން ވަނީ އެމީހުން ފޮނުވައިލައިފަ އެވެ.
އަރުމީނިއާގެ އާތަރ ސަރުގެ ސިއަންއާއި، އާތަކް ސަރުގެސިއަންގެ ހިއްސާއާ އެކު ރާއްޖޭގައި އުފައްދާފައިވާ ކުންފުންޏަކީ އާތަރ ބްރަދާޒް ވޯލްޑް ކަނެކްޝަން ޕްރައިވެޓް ލިމިޓެޑެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު އެ ކުންފުނި އިކޮނަމިކް މިނިސްްޓްރީގައި ރަޖިސްޓަރީކުރި އިރު، ދިވެހި ހިއްސާދާރެއްގެ ގޮތުގައި އެންމެ ފުރަތަމަ ހުރީ ހ. އެވާޗާންސް، އިސްމާއިލް ވަސީމެވެ.
އާތަރ ބްރަދާޒް ރާއްޖެ އައިސް އުޅެނީ ކޮން ބޭނުމެއްގައި ކަމެއް އަދި ނޭނގުނަސް އެ މީހުން ރާއްޖޭގައި ހަރަކާތްތެރި ވަނީ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ގުޅިގެން ކަމަށް މީޑިއާގައި ވަނީ ތުހުމަތުކޮށްފަ އެވެ.
އިމިގްރޭޝަން ގާނޫނުގައި ބުނެފައި ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި ދީނީ އެއްބައިވަންތަ ކަމަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް ކުރާ، ނުވަތަ ކުރާން އުޅޭ ކަމަށް ބެލެވޭ މީހަކަށް ރާއްޖެ އެތެރެވުމުގެ ހުއްދަ ނޯންނާނެ ކަމަށެވެ. އަދި ހަމަ އެ ގާނޫނުގައި ބުނެފައި ވަނީ ރާއްޖެ އެތެރެވުމަށް ދީފައިވާ މައުލޫމަތަކީ ތެދު މައުލޫމާތު ނޫންކަން އެނގުމުން އޭނާ ރާއްޖެގައި ހުރުމަށް ދީފައިވާ ހުއްދަ ބާތިލު ކުރެވޭނެ ކަމަށެވެ.
އާތަރ ބްރަދާޒް ރާއްޖެ އައިސް އުޅޭ ކަމަށް ބުނެ މީޑިޔާތަކުގައި ފެތުރެމުންދާ ހަބަރުތަކާ ގުޅިގެން އެމީހުން ރާއްޖެ އިން ފުރައިފިތޯ އާއި އެމީހުންގެ ރާއްޖެ އެތެރެވުމަށް ދީފައިވާ މައުލޫމާތުތައް އިމިގްރޭޝަނުން ވެސް ބަލަމުންދާ ކަން އިމިގްރޭޝަންގެ އިސް އޮފިޝަލަކު ވަނީ ކަށަވަރުކޮށް ދީފަ އެވެ.
ނަމަވެސް އެ މައްސަލައިގައި ސަރުކާރުން އަދި ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.