01 Apr 2013, 14:27
ހުޅުމާލޭ ކޯޓުގެ ފަނޑިޔާރުންގެ ބެންޗާ ބެހޭ ގޮތުން ކުރީގެ ރައީސް މުހަންމަދު ނަޝީދު ހައި ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ ނިމެންދެން، ހުޅުމާލޭ ކޯޓުގައި ހިނގަމުންދާ ނަޝީދުގެ ޝަރީއަތް ކުރިއަށް ނުގެންގޮސް މަޑު ޖައްސާލުމަށް ހައި ކޯޓުން ވަގުތީ އަމުރެއް މިއަދު ނެރެފި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލަގައި ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރެއް ނެރިފައި ވަނީ، ހުޅުމާލެ ބެންޗު އެކުލަވާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާދިނުމަށް ރައީސް ނަޝީދު އެ ކޯޓަށް ހުށަހެޅި މައްސަލައިގައި ޝަރީއަތުން ވަކި ގޮތެއް ނިންމަންދެނެވެ.
"ދިވެހި ރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ބެންޗާ ގުޅޭ މައްސަލާގައި ޝަރީއަތުން ވަކި ގޮތަކަށް ކަނޑައެޅެންދެން ނުވަތަ ދިވެހި ރާއްޖޭގެ ހައިކޯޓުން ވަކި ގޮތަކަށް އަންގަންދެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް ނަންބަރު 397/MHC/2012 ގަޒިއްޔާގެ އަޑުއެހުން ކުރިއަށް ނުގެންދިއުމަށް އަންގާ އަމުރުކޮށްފީ މެވެ."
ރައީސް ނަޝީދު ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ހުޅުމާލެ ކޯޓުގެ ބެންޗް އެކުލަވާލާފައި ވަނީ ގާނޫނަށް ހިލާފަށް ކަމަށް ކަނޑައަޅާދިނުމުގެ އިތުރުން ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން މަތީ މަރުހަލާގެ ކޯޓުތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ މަތީން ފިޔަވަޅު އެޅުމަށް ވެސް އެދިފައިވެ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި އުފުލާފައިވާ ދައުވާގެ ޝަރީއަތެއް އަންނަ ބްރާސްފަތި ދުވަހު ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.