01 Apr 2013, 14:07
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން މަތިންދާ ބޯޓްތަކަށް އެޅުމަށް ތެޔޮ ވިއްކާ އަގު ހެޔޮކޮށްފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިއަދުން ފެށިގެން އެ ފަރާތުން މަތިންދާ ބޯޓްތަކަށް ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަގު ހެޔޮކުރުމަށް ނިންމާފައި ވަނީ އެކުންފުއްޏަށް ތެޔޮ ގަންނަން ލިބޭ އަގު މިހާރު ހެޔޮ ވެފައިވާތީ ކަމަށެވެ.
އެމްއޭސީއެލް އިން މައުލޫމާތް ދިން ގޮތުގައި ފަހުން ތެލުގެ އަގަށް ގެނައި ބަދަލާ އެކު ތެޔޮ ލީޓަރަކުން ވަނީ ދެ ސެންޓް އަގުހެޔޮކޮށްފަ އެވެ. އެގޮތުން އިންޓަނޭޝަނަލް ފްލައިޓްތަކަށް ކުރިން 1.16 ޑޮލަރަށް ވިއްކި ތެޔޮ ލީޓަރެއް މިހާރު ވިއްކަނީ 1.14 ޑޮލަރަށެވެ. އަދި ރާއްޖެތެރޭގައި އުދުހޭ ފްލައިޓްތަކަށް 1.14 ޑޮލަރަށް ކުރިން ވިއްކި ތެޔޮ ލީޓަރެއް މިހާރު ވިއްކަނީ 1.13 ޑޮލަރަށެވެ.
އެމްއޭސީއެލް އިން ތެޔޮ ވިއްކާ އަގު މިއަދު ހެޔޮ ކޮށްފައިވާ އިރު އެކުންފުނިން އިއްޔެ ވަނީ އެއް އަހަރު ދުވަހަށް އެކުންފުއްޏަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް 136 މިލިއަން ޑޮލަރަށް އެސްޓީއޯއާ ހަވާލުކޮށްފަ އެވެ.