ފަސޭހައިން ބޭންކުތައް އުފެއްދޭ ގޮތަށް އަދި ބޭންކުތައް އުފެއްދުމަށް ހިތްވަރު ދިނުމުގެ ބޭނުމުގައި، ބޭންކިންއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ބޭންކިންއާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު މިއަދު މަޖިލީހުން ބަލައިގެންފައި ވަނީ 49 މެންބަރުންގެ ވޯޓާ އެކުގައެވެ. އެ އިސްލާހާ ދެކޮޅަށް ތިން މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ.

ބޭންކިންއާ ބެހޭ ގާނޫނަށް ހުށަހަޅައިފައިވާ އެ އިސްލާހުގައި ބުނަނީ ރާއްޖޭގައި ބޭންކެއް ގާއިމު ކުރުމަށް ލައިސަންސަށް އެދި ހުށަހަޅާން ޖެހޭނީ ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ކަމަށެވެ. އަދި ލައިސަންސް ދިނުމާ މެދު، ލައިސަންސަށް އެދި ހުށަހަޅާތާ ފަސް މަސް ދުވަހުގެ ތެރޭގައި އެމްއެމްއޭ އިން ގޮތެއް ނިންމަންވާނެ ކަމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ލައިސަންސް ނުދީފި ނަމަ ބެލެވޭނީ ލައިސަންސް ލިބުނީ ކަމަށް ކަމުގައި އެ އިސްލާހުގައި ވެއެވެ.

ބޭންކެއް އުފެއްދުމަށްޓަކައި ކްރެޑިޓް އެކްސްޕޯޝަންގެ ގޮތުގައި ބެހެއްޓޭނީ ކިހާ އަދަދެއްގެ ފައިސާއެއް ކަން ކަނޑައެޅުމަށް ވެސް އެ އިސްލާހުގައި ވެއެވެ. އަދި ކްރެޑިޓް އެކްސްޕޯޝަންގެ ގޮތުގައި ބެހެއްޓޭނެ ފައިސާ މިންވަރާ ބެހޭ ގޮތުން އެމްއެމްއޭ އިން ގަވައިދެއް ހަދާން ވާނެ ކަމަށް ވެސް އެ އިސްލާހުގައި ވެއެވެ.


ނަމަވެސް މިހާރު އަމަލު ކުރަމުންދާ ބޭންކިންއާ ބެހޭ ގާނޫނުގެ 28 ވަނަ މާއްދާގައި ބުނަނީ ޓިއާ ދެ ބޭންކަކުން، ނުވަތަ ގުޅިފައިވާ ފަރާތްތަކަށް އަނބުރާ ލިބެން ޖެހޭ ފައިސާގެ ގޮތުގައި ބެހެއްޓޭނީ 1،000،000ރ. ކަމަށެވެ. ޓިއާ އެއް ބޭންކަކުން އެއް ފަރާތްތަކެއް ކަމަށް ބަލަން ޖެހޭ ގުޅިފައިވާ ފަރާތްތަކުން ކްރެޑިޓް އެކްޕޯޝަންގެ ގޮތުގައި ގިނަވެގެން ބެހެއްޓެނީ އެ ބޭންކެއްގެ ރައުސްމާލުގެ 15 ޕަސެންޓް ކަމަށެވެ. ކޯޕަރޭޓް ގުރޫޕަކަށް ކްރެޑިޓް އެކްސްޕޯޝަންގެ ގޮތުގައި ބެހެއްޓޭނީ އެ ބޭންކެއްގެ ރައުސުމާލުގެ 40 ޕަސެންޓް ކަމަށް އެ ގާނޫނުގައި ބުނެ އެވެ.

ނަމަވެސް ރިޔާޒް ހުށަހެޅުއްވި ބިލުގައި އެ އުސޫލުތައް އުނިކުރުމަށް ފަހު، ކްރެޑިޓް އެސްޕޯޝަންގެ މިންގަނޑު ކަނޑައެޅުމުުގެ ބާރުދީފައި ވަނީ އެމްއެމްއޭ އިން ހަދާ ގަވައިދަކަށެވެ.

މަޖިލީހުން އެ ބިލް މިއަދު ބަލައިގަތުމާއެކު އެ ބިލް މަޖިލީހުގެ އިގްތިސާދީ ކަންކަމާ ބެހޭ ކޮމެޓީއަށް ފޮނުއްވާނެ ކަން ރިޔާސަތުން ވަނީ އިއުލާން ކުރައްވައިފައެވެ.