މާރުކޭޓް ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ހަސަން ހަނީފް ވިދާޅުވީ ފުލުހުންނާއި އިމިގްރޭޝަނާ ގުޅިގެން މިއަދު ކުރިއަށްގެންދިޔަ އެ އޮޕަރޭޝަނުގައި 57 ބިދޭސީއަކު މާރުކޭޓު ސަރަހައްދުން ނަގާފައިވާ ކަމަށެވެ. އަދި އެމީހުން މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ އޮޕަރޭޝަން އިމިގްރޭޝަނާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ އިމިގްރޭޝަނާ ހަވާލުކޮށްފައި ވަނީ ލޯކަލް މަރުކޭޓް ސަރަހައްދާއި މަސްމާރުކޭޓް ސަރަހައްދުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންތަކެއް ކަމަށެވެ. އަދި ބިދޭސީންނަށް މާރުކޭޓް ސަރަހައްދުގައި ތަރުކާރީ ވިއްކުމަށް ގަވާއިދާ ޚިލާފަށް ނޫޅެވޭނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މިއަދު ނެގި ބިދޭސީންނާ ދޭތެރޭ އޮންނަ އުސޫލުގެ ދަށުން ޢަމަލު ކުރަމުން ގެންދާނެ ކަމަށެވެ.

އޮޑިދޯނި ފަހަރުތަކާއި ހޮޓާތަކުގެ އިތުރުން ރަށްރަށުގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ އެތައް ބިދޭސީންނެއް އުޅެމުންދާ އިރު، އެންމެ ފަހުގެ ތަފާސްހިސާބު ދައްކާ ގޮތުން ރާއްޖޭގެ އެކި ވަޒީފާތަކުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 79،777 އަށް އަރާ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 80،000 އަށް ވަނީ ގާތްކޮށްފަ އެވެ.