އޭފްސީކަޕްގައި އިތުރަށް ކުރިއަށް ދިއުމަށް ޓަކައި، ގްރޫޕް ޖީގައި މާދަމާ ހަވީރު ގަލޮޅު ދަނޑުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، މިޔަންމާގެ އަޔެވޭދޭ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން ކޮންމެހެންވެސް މޮޅުވާންޖެހޭ ކަމަށް މާޒިޔާގެ ކޯޗު އިސްމާއީލް މަހެފޫޒް (އިންމަ) ބުނެފި އެވެ.

ގަލޮޅު ދަނޑުގެ ޕްރެސް ރޫމްގައި މާދަމާގެ މެޗާ ބެހޭ ގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެމުން އިންމަ ބުނީ މުބާރާތުގައި އަމިއްލަ ބާރުގައި އިތުރަށް ކުރިއަށް ދެވޭނީ މާދަމާގެ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެވިގެން ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ މާދަމާގެ މެޗުން ނެރޭ ނަތީޖާއަކުން ކަމަށް މި މުބާރާތުގައި އިތުރަށް ކުރިއަށް ދިޔުމުގެ ފުރުސަތު އަޅުގަނޑުމެންނަށް އޮންނާނީ. އަޅުގަނޑުމެންގެ އަމިއްލަ ބާރުގައި މުބާރާތުގައި އިތުރަށް ކުރިއަށް ދެވޭނީ މާދަމާގެ މެޗުން ތިން ޕޮއިންޓު ހޯދައިގެން،" އިންމަ ބުންޏެވެ.

އަޔެވާދޭއާ ބެހޭ ގޮތުން އިންމަ ބުނީ އިދިކޮޅު ޓީމު ކުރިން ކުޅުނު ދެމެޗުން ބަލިވެފައިވީ ނަމަވެސް އެ ޓީމާދޭތެރޭ ފަރުވާ ކުޑަކޮށްލެވެން ނެތްކަމަށާއި މާޒިޔާ މުހިއްމީ ތިން ޕޮއިންޓު ކަމަށެވެ.

"އިދިކޮޅު ޓީމުގެ ފެންވަރަށް ބެލުމުގެ މާބޮޑު ފުރުސަތެއް އަޅުގަނޑުމެންނަކަށް ނެތް. އަދި އެމީހުން އަންޑަ-އެސްޓިމޭޓް ކުރުމުގެ ފުރުސަތެއް ވެސް އަޅުގަނޑުމެންނަކަށް ނެތް. ސަބަބަކީ އަޅުގަނޑުމެންނަށް، ހަ ޕޮއިންޓުގެ ތެރެއިން އެއްމެ ޕޮއިންޓެއް ލިބިފައި މިއޮތީ. އެހެން ކަމުން ކުރިއަށް އޮތްމެޗުގައި ތިން ޕޮއިންޓު ހޯދުމަކީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ޓީމަށް ހަމަ މަޖުބޫރު ކަމެކޭ،" އިންމަ ބުންޏެވެ.

އިންމަ ފާހަގަކުރި ގޮތުގައި އޭއެފްސީ ކަޕުގައި އެ ޓީމު ވިއެޓްނާމްގެ ޑަނަންގާ ދެކޮޅަށް މާލޭގައި ކުޅުނު މެޗަކީ ވެސް ތިން ޕޮއިންޓު ހޯދައިގެން ފައިބަން ޖެހޭ މެޗެއް ކަމަށެވެ. އެހެން ނަމަވެސް އެމެޗުގައި ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް ކުރުމަށްފަހު ވެސް އެންމެ ފަހުވަގުތުގައި ނިންމުންތައް ގޯސްވުމުގެ ސަބަބުން މެޗުން ބަލިވީ ކަމަށެވެ. އެހެން ކަމުން މާޒިޔާ އޮތީ ކުރީ މެޗުގެ ތަޖްރިބާގެ އަލީގައި މާދަމާގެ މެޗުގައި އެ މައްސަލަތައް ރަނގަޅުކޮށް ރަނގަޅު ނަތީޖާއެއް ހޯދުމުގެ އަޒުމުގައި ކަމަށެވެ.

އޭފްސީ ކަޕްގައި މާޒިޔާ ހިމެނޭ ގްރޫޕް ޖީގައި އެޓީމު މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާ އިރު ފުރަތަމަ މެޗުގައި މެލޭޝިޔާގެ ޗެމްޕިއަން، ކެލަންޓަންއާ ދެކޮޅަށް އެ ކުލަބުގެ އަމިއްލަ ދަނޑުގައި އެ ކުލަބުގެ 31000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެ މާޒިޔާ ވަނީ އެކެއް އެކަކުން އެއްވަރުކޮށްފަ އެވެ. އަދި ދެވަނަ މެޗުގައި ޑަނަންގްއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގައި މާޒިޔާ ބަލިވީ ދެލަނޑު ތިން ލަނޑުންނެވެ. ހަތަރު ޓީމު ހިމެނޭ ގްރޫޕްގައި މާޒިޔާ އޮތީ އެއް ޕޮއިންޓާއެކު ތިންވަނައިގަ އެވެ. އެ ޓީމާ ދެކޮޅަށް ނުކުންނަ އަޔެވާދޭ އޮތީ ކުޅުނު އެއްވެސް މެޗަކުން ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައެވެ.

އިންމަ ބުނީ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުންމީދު އަދިވެސް އެބަ އޮތްކަމަށާއި މާދަމާގެ މެޗުން މޮޅުވެއްޖެ ނަމަ، ކުރިއަށް ހުރި މެޗުތަކުގައި ރަށުންބޭރުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެ، ދެވަނަ ބުރަށް ދަތުރު ކުރުމުގެ އުންމީދު ބޮޑު ކަމަށެވެ.

ޓީމުގައި އަނިޔާގެ މައްސަލައެއް އުޅޭތޯ ސުވާލުކުރުމުން އިންމަ ބުނީ، ދިވެހި ލީގުގައި އީގަލްސްއާ ދެކޮޅަށް ކުޅެ 2-0 ލަނޑުން މާޒިޔާ މޮޅުވި މެޗުގައި އެކުލަބުގެ ހުނަރުވެރި އަދި ތަޖުރިބާކާރު މިޑްފީލްޑަރު މުޙައްމަދު ޢާރިފް (ބަކާ)ގެ ފަޔަށް ލިބުނު އަނިޔާ އަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ފަހު އެނބުރި ޓީމާ ގުޅިފައިވާ ކަމަށާއި، އެހެން ނަމަވެސް މާދަމާގެ މެޗުގެ ފުރަތަމަ އެގާރައިން ބަކާ ނުފެންނާނޭ ކަމަށެވެ.

މާދަމާގެ މެޗާ ބެހޭގޮތުން އަޔެވާދޭ ޔުނައިޑެޓްގެ ކޯޗު މަރްޔާން ސެކޫލޯސްކީ ބުނީ ކޮންމެ މެޗަކީ ވެސް މުހިއްމު މެޗެއް ކަމަށާއި އަދި ކޮންމެ ޕޮއިންޓަކީވެސް މުހިއްމު ޕޮއިންޓެއް ކަމަށެވެ. އެހެން ކަމުން އެކުލަބު މާދަމާ ނިކުންނާނީ ތިން ޕޮއިންޓު ހޯދުމަށް ކަމަށެވެ.

ސެކޫލޯސްކީ އިތުރަށް ބުނީ އެކުލަބުން މުބާރާތުގައި ކުރިން ކުޅުނު ދެމެޗުންވެސް ބަލިވެފައިވަނީ ޓީމުގެ ކުޅުން ގޯސްވެގެން ނޫން ކަމަށާއި ނިންމާލުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އެހެން ކަމުން އެކުލަބުން މާޒިޔާ އަށް އިހްތިރާމް ކުރާކަމަށާއި އެހެން ނަމަވެސް ކުރީގެ މެޗުތަކުގައި ހެދުނު ގޯސްތައް ރަނގަޅުކޮށްގެން މާދަމާގެ މެޗަށް ނިކުންނާނީ މެޗުން މޮޅުވެގެން ތިން ޕޮއިންޓު ހޯދުމުގެ އަޒުމުގައި ކަމަށެވެ.

އޭއެފްސީ ކަޕްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި އަޔެވާދޭ ޔުނައިޓެޑް ބައްދަލު ކުރާ މެޗް ކުޅޭނީ މާދަމާ ހަވީރު 4:00ގައި ގަލޮޅު ދަނޑުގަ އެވެ. އެ މެޗުގެ ޓިކެޓް މިހާރު ވެސް ގަލޮޅު ދަނޑުން ލިބެން ހުންނާނެ އެވެ. ޓިކެޓެއްގެ އަގަކީ ގޮނޑިބަރިން 30 ރުފިޔާ އަދި ސިޑިބަރިން 10 ރުފިޔާ އެވެ.