އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އަތުން ފަހަތުން އަރައި 2-1 ލަނޑުން ލިވަޕޫލް މޮޅުވެއްޖެ އެވެ.

އެސްޓަން ވިލާގެ ދަނޑުގައި ރޭކުޅުނު މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުހައި ވިލާ އަށް ކާމިޔާބު ކޮށްދިނީ ކޮންގޯގެ ގައުމީ ފޯވަޑް ކްރިސްޓިއަން ބެންޓެކޭ އެވެ.

އެއް ލަނޑުގެ ލީޑަކާއެކު ރޭގެ މެޗް އެސްޓަން ވިލާއިން ނިއްމާލި ކަމަކު، ދެ ވަނަ ހާފުގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ދެ ވަނަ ހާފުގެ 47 ވަނަ މިނެޓުގައި ލިވަޕޫލަށް އެލަނޑު ކާމިޔާބު ކޮށްދިނީ އިންގްލޭންޑުގެ މިޑްފީލްޑަރު ޖޯޑަން ހެންޑަސަން އެވެ. އަދި ރޭގެ މެޗުން ލިވަޕޫލް މޮޅު ކޮށްދިން ލަނޑު ދެ ވަނަ ހާފުގެ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ސްޓީވަން ޖެރާޑެވެ.

ރޭގެ މެޗުން ލިވަޕޫލް މޮޅުވުމުން އެ ޓީމަށް ވަނީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ކުރާ މަސައްކަތަށް ފެހި ސިގްނަލެއް ލިބިފަ އެވެ. އަދި ރޭގެ މޮޅާއެކު ލީގް ތާވަލްގައި ލިވަޕޫލް އޮތީ 48 ޕޮއިންޓާ އެކު ހަތް ވަނަ މަގާމްގަ އެވެ. އަދި މެޗުން ބަލިވި އެސްޓަން ވިލާ އޮތީ 18 ވަނަމަގާމް ގައި 30 ޕޮއިންޓާއެކު އެވެ.

ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމްގައި 77 ޕޮއިންޓާ އެކު މެންޗެސްޓާ ޔުނައިޓެޑް އޮތް އިރު، ދެ ވަނަ މަގާމްގައި އޮތީ 62 ޕޮއިންޓާ އެކު މެންޗެސްޓާ ސިތީ އެވެ.