ކ.ގުޅީގައި އަލަށް ދޫކުރުމަށް ނިންމާފައިވާ ގޯތި ބެހުމުގައި ގަވައިދާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ އެ ރަށު ރައްޔިތުން ތެރެއިން ބަޔަކު ނުކުމެ އެރަށު ކައުންސިލް އިދާރާ ހިސޯރުކޮށްފިއެވެ.

އެ މުޒާހަރާގައި ބައިވެރިވާ މަރިޔަމް ހުޝާމާ ސަން އޮންލައިނާ ވާހަކަ ދައްކަމުން ބުނީ އެމީހުން މިއަދު ހެނދުނުން ފެށިގެން އެރަށު ކައުންސިލް އިދާރާ ތެރެއަށް ވަދެ އެ އިދާރާގެ މަސައްކަތް ހުއްޓުވައިފައިވަނީ އެ ރަށުން މިހާރު ގޯތި ދޫކުރާ ފަރާތްތައް ކައުންސިލުން ނިންމާފައިވާއިރު އޭގެ ތެރޭގައި ގޯތި ހައްގު ނޫން އެތައް ބަޔަކަށް ގޯތި ލިބޭއިރު ގޯތި ހައްގު މީހުނަށް ގޯތި ނުލިބޭތީ އެކަމާ ދެކޮޅަށް ކަމަށެވެ.

"މުޅިން ވެސް ގޯތި ދޫކޮށްފައިވަނީ ނުހައްގުން، ގޯތި ހުރި އެތައް ބަޔަކަށް ވެސް އެބަހުރި ގޯތި ދީފައި، ދެން ގެސްޓު ހައުސް ހަދަން ބިން އެބަހުރި އެކަމަކު ރައްޔިތުންނަށް ދޭނެ ބިމެއް ރަށަކު ނެތް" ހުޝާމާ ބުންޏެވެ.

އޭނާ ބުނީ އެރަށު ގިނަ ބަޔަކު އެއްވެގެން ކައުންސިލް ތެރޭގައި ކުރަމުންދާ މުޒާހަރާ ކައުންސިލް އިން ގޯތި ދޫކުރިގޮތް ބަދަލު ނުކުރަނީހެއް ނުނިންމާނެ ކަމަށެވެ.

ޕީޕީއެމް ހަތަރު ކައުންސިލަރަކާއި އަމިއްލެ އެއް ކައުންސިލަރަކު ތިބޭ ގުޅީ ކައުންސިލްގެ ރައީސް އަބުދުﷲ ވާރިޝް ވިދާޅުވީ ގޯތި ދޫކުރުމުގައި ކައުންސިލުން އަމަލުކޮށްފައިވާނީ ގަވައިދާ އެއްގޮތަށް ކަމަށެވެ. ނަމަވެސް ގޯތި ދޫކުރާ ފަރާތްތައް އިއުލާން ކޮށްފައިވީ ނަމަވެސް އެވިސްނުން ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

"މުޒާހަރާގެ ބައިވެރިންގެ ސަބަބުން އަޅުގަނޑުމެނަށް މަސައްކަތެއް ނުކުރެވޭ، ދެން އެބޭފުޅުން ހުތުރުބަހުން މުއާމަލާތުކޮށް އެކަހަލަ ކަންތައްތަކެއް ހިންގަނީ" ވާރިޝް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ރަށުން ދޫކުރުމަށް ނިންމައިފައިވަނީ 16 ގޯތި ކަމަށެވެ. އެގޯތިތަކަށް އެދި 156 ފަރާތަކުން ހުށައެޅިކަމަށާއި އޭގެ ތެރެއިން ގޯތި ދިނުމަށް ކައުންސިލްއިން ނިންމައިފައިވަނީ ގޯތި ހައްގު ފަރާތްތަކަށް ކަމަށެވެ.