01 Apr 2013, 12:30
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބޭރު ގައުމުތަކުން ސިއްހީ ފަރުވާ ލިބިދިނުމަށް ޓަކައި ފެންވަރު ރަނގަޅު ބޭރު ކުންފުންޏަކުން ސިއްހީ އިންޝުއަރެންސް ހަމަޖައްސައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މަޝްވަރާކޮށްފި އެވެ.
މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުންގެ މަޝްވަރާތަކުގައި ވިދާޅުވެފައި ވަނީ ސިއްހީ ފަރުވާ އަށް އެންމެ ގިނައިން ހަރަދު ކުރައްވާފައި ވަނީ ރައީސް މައުމޫން ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރު 1.3 މިލިއަން ރުފިޔާ ސިއްހީ ފަރުވާ ހޯއްދެވުމަށް ރައީސް މައުމޫން ހަރަދު ކުރައްވާފައިވާ އިރު، 2010 ވަނަ އަހަރު 302،000ރ. ހަރަދު ކުރައްވާފައިވާ އިރު، 2011 ވަނަ އަހަރު 713،000ރ. ހަރަދު ކުރައްވާފައިވެ އެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް 298،000ރ. ހަރަދު ކުރައްވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ދީފައިވާ މައުލޫމާތުތަކަށް ހަވާލާދެއްވައި ކޮމެޓީގެ މެންބަރުން ވިދާޅުވި އެވެ.
ނަމަވެސް ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ފަހުން ބޭސްފަރުވާ ކުރެއްވުމަށް ދައުލަތުން ހަރަދު ކުރެއްވި ކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ފެންނަން ނެތް ކަމަށް މެންބަރުން ވިދާޅުވި އެވެ.
ބިލެތްދޫ ދާއިރާޣެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވީ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ސިއްހީ ހިދުމަތް ހޯއްދެވުމަށް ޓަކައި ދައުލަތަށް ހަރަދު ކުޑަވާނެ ގޮތަކީ އެ ބޭފުޅުނަށް ހާއްސަ ހެލްތު އިންޝުއަރެންސް ޕެކޭޖެއް ބޭރު ކުންފުންޏަކުން ނެގުން ކަމަށެވެ. އަދި އެގޮތަށް ހަމަޖެއްސުމުން މިހާރު ހަރަދުވާ މިންވަރަށް ވުރެ ކުޑަކޮށް ދައުލަތުން ފައިސާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދައުލަތުގެ އައުޓްފުލާ މެނޭޖު ކުރުމަށް ޓަކައި އަޅުގަނޑަށް ފެނޭ ރަނގަޅު ކަވަރޭޖެއް އޮންނަ، އެކްސްޕެންސިވް ޕެކޭޖެއް ނެގުމަށްފަހުގައި އިތުރު ޑެފިޒެންސީއެއް އުޅޭ ނަމަ އޭތި ފިނޭންސުން މެނޭޖުކޮށްދެއްވުމަށް،" ހަމްޒާ ވިދާޅުވި އެވެ.
ހަމްޒާ ހުށަހެޅުއްވުމަށް ތާއިދު ކުރައްވައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މުހައްމަދާއި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވާހަކަފުޅު ދެއްކެވި އެވެ. އެ ބޭފުޅުންގެ ތާއިދާއެކު ކޮމެޓީގެ މެންބަރުން ވިދާޅުވީ ބޭރު ގައުމުތަކުން ސިއްހީ އިންޝުއަރެންދޭ ބޭރުގެ ރަނގަޅު ކުންފުނިތަކުގެ ޕެކޭޖުތައް ކޮމެޓިން ބެއްލެވުމަށް ފަހު އެ މައްސަލާގައި ގޮތެއް ނިންމެވުމަށެވެ.