01 Apr 2013, 11:55
އިނގިރޭސި ޕްރިމިއާ ލީގުގެ ސަންޑަލޭންޑުގެ މެނޭޖަރުކަމުން މިދިޔަ ހޮނިހިރު ދުވަހު މާޓީން އޮނީލް ދުރުކުރުމަށްފަހު އެ ކުލަބުގެ އާ ކޯޗަކަށް އިޓަލީގެ އުމުރުން 44 އަހަރުގެ ޕައޮލޯ ޑި ކަނިއޯ ހަމަޖައްސައިފިއެވެ.
އާދީއްތަ ދުވަހު ޑި ކަނިއޯ ސަންޑަލޭންޑްގެ ކޯޗުކަމަށް ހަމަޖެއްސުމުން އެކުލަބުގެ ވައިސް ޗެއާމަން އަދި ނޮން އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުރި، ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން އެންޑް ކޮމޮންވެލްތް އެފެއާޒް، ބްރިޓިޝް ލޭބަ ޕާޓީގެ މަޝްހޫރު ޕޮލިޓީޝަން ޑޭވިޑް މިލިބަންޑް ވަނީ "ޕައޮލޯ ޑި ކަނިއޯއަކީ ފޭސިސްޓް އެއް ކަމަށް ބުނެ" އޭނާގެ މަގާމުން އިސްތިއުފާ ދީފައެވެ. ޕައޮލޯ ޑި ކަނިއޯ އަކީ ވިހިވަނަ ގަރުނުގައި އިޓަލީގައި އޮތް ހަރުކަށި ސިޔާސަތެއްގެ ވެރިކަމެއް ގެންގުޅުނު ބެނިޓޯ މޮސޮލިނީގެ ސިޔާސަތައް ތާއީދު ކުރާ މީހެކެވެ. އެގޮތުން އޭނާ ލާޒިއޯއަށް ކުޅުނު އިރު 2005 ވަނަ އަހަރު މެޗެއްގެ ތެރޭގައި ދަނޑުމަތީގައި ހުރެ ފޭސިސްޓުންގެ އާމް ސެލިއުޓް ދައްކާފައިވާތީ އޭނާ ވަނީ އެފަހަރު ސަސްޕެންޑް ކޮށްފައެވެ. އެފަހަރު އޭނާ ބުނީ "އަހަންނަކީ ފޭސިސްޓެއް. ރޭސިސްޓެއް ނޫން" ކަމަށެވެ.
ސަންޑަލޭންޑުގެ ކޯޗުކަމާ އަލަށް ހަވާލުވި ޑި ކަނިއޯގެ މަސައްކަތަކަށްވާނީ މިހާރުވެސް ރެލިގޭޝަންގެ ހިޔަނި އެޅިފައިވާ ކުލަބު ޕްރިމިއާ ލީގުގައި ހިފެހެއްޓުމެވެ. މީގެ ކުރިން އިނގިރޭސި ލީގު-ވަންގެ ސްވިންޑަން ޓައުންގެ ކޯޗުކަމުގައި ހުރި ޑި ކަނިއޯއަކީ އިނގިރޭސި ކުލަބް ފުޓްބޯޅައާއި އިޓަލީގައިވެސް މޮޅު ކުޅުމެއްދެއްކި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރި އެކެވެ. ޑި ކަނިއޯ 2011 ވަނަ އަހަރު ސްވިންޑަންއާ ހަވާލުވި އިރު އެ ކުލަބު ލީގު-ޓޫގައި އޮތީ ރެލިގޭޓް ނުވެ ހަމަ ކިރިޔާއެވެ. އެކަމަކު އެފަހަރު އޭނާ ކުލަބާ ހަވާލުވެ ފުރަތަމަ މެޗުވެސް ކާމިޔާބާއެކު ފަށައިގެން ގޮސް އެންމެ ފަހުން ސީޒަން ނިންމާލީ އެފަހަރު އެކުލަބު ލީގު-ވަން އަށް ޕްރޮމޯޓް ކޮށްދީފައެވެ.
ސަންޑަލޭންޑްގެ ކޯޗުކަމުން މާޓިން އޮނީލް ވަކިކުރީ އެކުލަބު ޖެހިޖެހިގެން އަށް މެޗުން މޮޅުނުވެ އަދި މެންޗެސްޓާ ޔުނައިޓެޑާ ކުޅެ އެކެއް ސުމަކުން ބަލިވި މެޗަށް ފަހުއެވެ. ލީގުގައި އެ ކުލަބަށް ބާކީ ހަތްމެޗު އޮތް އިރު ކުލަބުން ބުނެފައިވަނީ ޕައޮލޯ ޑި ކަނިއޯ އަކީ އެކުލަބު ރެލިގޭޝަނުން ސަލާމަތް ކޮށްދެވޭވަރުގެ ކޯޗެއް ކަމަށާއި އޭނާއާ ދޭތެރޭ އިތުބާރު ބޮޑުކަމަށެވެ.
ފުޓްބޯޅަ ކެރިޔަރު 2008ގައި ނިންމާލުމުގެ ކުރިން ލާޒިއޯ، ޔުވެންޓާސް، ނަޕޯލީ، އޭސީ މިލާން، ސެލްޓިކް، ވެސްޓްހެމް ފަދަ ޓީމުތަކަށް ޖުމުލަ 500 މެޗު ކުޅެ، 100 ލަނޑު ކާމިޔާބުކޮށްދިން ހުނަރުވެރި ފޯވަޑަށް ފުރަތަމަވެސް ކުރިމަތިލާން ޖެހޭނީ މިވަގުތު ތާވަލުގެ ހަތަރުވަނައިގައި އޮތް ޗެލްސީއާއެވެ.