އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ސިޓީ ކައުންސިލަށް ޕްރީ ސްކޫލްތައް ހިންގުމަށް އޮންނަ ބާރު ގެއްލޭ ގޮތަށް ޕްރީ ސްކޫލްތަކުގެ ގާނޫނަށް އިސްލާހް ހުށަހަޅައިފި އެވެ.

ޕްރީ ސްކޫލްތަކުގެ ގާނޫނަށް މާއްދާއެއް އިތުރުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 42 މާއްދާގެ ކ.ގައި ޕްރީ ސްކޫލްތައް ހިންގުމަކީ ސިޓީ ކައުންސިލްގެ މަސްއޫލީއްޔަތެއް ކަމުގައި ބުނެފައި އޮތް ނަމަވެސް މާލޭގެ ޕްރީ ސްކޫލްތައް ހިންގާނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބެލުމުގެ ދަށުން ކަމަށެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 42 މާއްދާގެ ކ.ގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނާ އެއް ގޮތްވާ ގޮތުގެ މަތިން ޕްރީ ސްކޫލްގެ ހިދުމަތްތައް ދިނުމާއި ބޮޑެތި މީހުންގެ ތައުލީމީ އަދި ފަންނީ ފެންވަރުމަތިކުރުމުގެ ޕްރޮގުރާމްތައް ރާވައި ހިންގުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ.

ޕްރީ ސްކޫލްތަކުގެ ގާނޫނަށް އިސްލާހް ހުށަހަޅުއްވަމުން މަހުލޫފް ވިދާޅުވީ އަވަށު މަދުރަސާތަކާއި އަވަށު މަދުރަސާތަކުގެ ދަށުން ހިންގާ ޕްރީ ސްކޫލްތަކަކީ މާލޭގެ އަވަށްތަކުގެ ރައްޔިތުން ވަރަށް ބުރަ މަސައްކަތުން ހަދާދައިވާ މަދުރަސާތަކެއް ކަމަށެވެ. އެހެން ކަމުން އެ މަދުރަސާތަކަކީ އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ ގޮތުގައި ހިންގާ ސްކޫލްތަކަކަށް ހެދުން ހުއްޓުވައި ވިޔަފާރި އުސޫލުންދޭ ތައުލީމުގެ ބަދަލުގައި ހިދުމަތެއްގެ ގޮތަށް ހިންގަމުން ގެންދިއުމަށް މަގުފައި ކުރުމް ކަމަށް މަހުލޫފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މަހުލޫފް އެ އިސްލާހް ހުށަހެޅުމާ އިދިކޮޅަށް އެމްޑީޕީގެ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި އެ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފް އިސްލާހެއް ކަމަށް ބުނެފަ އެވެ. މެންބަރުން ވިދާޅުވަމުން ގެންދެވީ އެ އިސްލާހުގެ ސަބަބުން ގާނޫނު އަސާސީގައި ބުނާ ހަމަމަކަން ގެއްލިގެންދާ ކަމަށެވެ.

މެންބަރުން ނިޒާމީ ނުކުތާތައް ނަންގަވަމުން ގެންދިއުމުގެ ސަބަބުން މަޖިލީހުގެ ނިޒާމް ގެއްލުމުން ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ވަނީ9:40ގައި ޖައްލާސާ މެދު ކަނޑާލާފަ އެވެ. އަދި 10 ޖެހިއިރު ޖަލްސާ ފަށައިގެން ވެސް މެންބަރުންގެ ނިޒާމީ މައްސަލައިގެ ސަބަބުން ޖަލްސާ ކުރިއަށް ނެގެންދެވިގެން ވަނީ 11 ޖަހާއިރަށް ފަސްކޮށްފަ އެވެ.