01 Apr 2013, 10:14
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޖަރީމާތަކެއް ހިންގުމުގެ ސަބަބުން މަޝްހޫރުކަން ހޯދާފައިވާ އާތަރ ބްރަދާޒްގެ ހިއްސާއާ އެކު ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުނީގެ ތަފްސީލްތައް ޓްރޭޑް މިނިސްޓްރީ އިން ހާމަކޮށްފި އެވެ.
ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން އެކޮނަމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަރުމީނިއާގެ ދެބެން ކަމަށްވާ އާތަރ ސަރުގެ ސިއަންއާއި، އާތަކް ސަރުގެސިއަންގެ ހިއްސާއާ އެކު ރާއްޖޭގައި އުފައްދާފައިވާ ކުންފުންޏަކީ އާތަރ ބްރަދާޒް ވޯލްޑް ކަނެކްޝަން ޕްރައިވެޓް ލިމިޓެޑް ކަމަށެވެ.
އާތަރ ބްރަދާޒްގެ މައްސަލަ ފެންމަތިވެގެން ގޮސްފައި ވަނީ، ކެންޔާގައި ވެސް ގިނަ ޖަރީމާތަކެއް ހިންގާފައިވާ ދެބެން ރާއްޖޭގައި އުޅޭ ކަމަށާއި ދެބެން މަސައްކަތް ކުރަމުންދަނީ ސިޔާސީ ބައެއް އިސް ބޭފުޅުން އަވަހާރަކޮށްލަން ކަމަށް ބުނެ ސޯޝަލް މީޑިއާތަކުގައި ދައްކަމުންދާ ވާހަކަތައް ފެންމަތިވެފައިވަނިކޮށެވެ.
ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް ހުއްދަ ނަގާފައިވާ، އާތަރ ބްރަދާޒް ވޯލްޑް ކަނެކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަސް ހިއްސާދާރުންގެ ތެރޭގައި ދިވެއްސެއް ހިމެނެ އެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު ރަޖިސްޓަރީކޮށްފައިވާ ކުންފުނީގެ ދިވެހި ހިއްސާދާރެއްގެ ގޮތުގައި އެންމެ ފުރަތަމަ ހުރީ ހ. އެވާޗާންސް، އިސްމާއިލް ވަސީމެވެ.
އާތަރ ބްރަދާޒްގެ ދެބެންނާއި، އިސްމާއިލް ވަސީމްގެ އިތުރުން ކުންފުނި ރަޖިސްޓްރީކުރި އިރު ހިއްސާދާރުންގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ފަރަންސޭސިވިލާތުގެ ދެ މީހުން ކަމަށްވާ ގޮޑަޒިން ސަރުގެސިއަންއަކާއި އެޑްގާ ސަރުގެސިއަން އެވެ.
ކުންފުނީގެ ހިއްސާތައް ބަހާފައިވާ ގޮތަކީ އަރުމީނިއާގެ ދެބެންގެ ތެރެއިން އެކަކަށް ކުންފުނީގެ 61 ޕަސެންޓް ހިއްސާއާއި ދެވަނަ އާތަރ ބްރަދާއަށް 19 ޕަސެންޓް ހިއްސާ އެވެ. ފަރަންސޭސި މީހުންގެ ތެރެއިން އެކަކަށް 10 އިންސައްތަ ހިއްސާ ދީފައިވާ އިރު، ފަރަންސޭސިވިލާތުގެ އަނެއް މީހާއަށް ދީފައި ވަނީ ހަތް އިންސައްތަ ހިއްސާ އެވެ. ކުންފުނީގައި ހިމެނޭ ދިވެހި ހިއްސާދާރަށް ދީފައި ވަނީ ތިން އިންސައްތަ ހިއްސާ އެވެ.
އިކޮނަމިކް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އިސްމާއިލް ވަސީމަށްވާ ތިން އިންސައްތަ ހިއްސާ ވަނީ ހ. އެވާޕީސް، އަބްދުﷲ ޝައްފަތުއަށް ބަދަލުކޮށްފަ އެވެ.