ޖިއްދާ (އޭޕްރިލް 01) : މިޔަންމާގެ ބައިމަދު މުސްލިމުންނަށް އެގައުމުގެ ބުޑިސްޓުންގެ ފަރާތުން ކުރިމަތިވެފައިވާ އަނިޔާވެރިކަމާއި ލާއިންސާނީ ޢަމަލުތަކާ މެދު އިސްލާމީ ދުނިޔެ ކަންބޮޑުވާކަމާއި މިކަމާގުޅިގެން އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަން އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ހާމަކޮށްފި އެވެ.

މިކަމާބެހޭ ގޮތުން ދެއްވި ބަޔާނެއްގައި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް އަކްމަލުއްދީން އިޙްސާން އޮގްލޯ ވިދާޅުވީ މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އެޕްރީލް މަހުގެ 14 ވަނަ ދުވަހު ސަޢޫދީ އަރަބިޔާގެ ޖިއްދާގައި ކަމަށާއި މިއީ މިޔަންމާގެ މުސްލިމުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާބެހޭ ގޮތުން ބާއްވާ އިސްތިސްނާއީ ޖަލްސާއެއް ކަމުގަ އެވެ.

މިޔަންމާގެ ބުޑިސްޓުންގެ އެގައުމުގެ ބައިމަދު މުސްލިމުންނާދެކޮޅަށް ހިންގަމުން ގެންދާ އިންސާނިއްޔަތާ ޚިލާފު އަނިޔާތަކަކީ މިޔަންމާގެ މުސްލިމުންގެ ނަސްލު ނައްތާލައި މުސްލިމުންގެ ވުޖޫދު މިޔަންމާއިން ފުލެހުމުގެ ޖަރީމާއެއް ކަމަށް އިޙްސާން އޮގްލޯ ސިފަކުރެއްވި އެވެ. އޭނާ ވިދާޅުވީ އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (އޯއައިސީ) އޮތީ އަނިޔާ ލިބެމުންދާ މިޔަންމާގެ ނިކަމެތި މުސްލިމުންނާ އެކުގައި ކަމަށާ މިޔަންމާގެ ނިކަމެތި މުސްލިމުންގެ ހައްޤުގައި އިސްލާމީ ގައުމުތަކުން މަސައްކަތްކުރާނެ ކަމުގަ އެވެ.

މިޔަންމާގެ މުސްލިމުންގެ މައްސަލައާބެހޭ ގޮތުން ބާއްވާ އިސްލާމީ ޚާރިޖީ ވަޒީރުންގެ މިބައްދަލުވުމުގެ ބޭނުމަކީ މިޔަންމާގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ އިންސާނިއްޔާތާ ޚިލާފު އަނިޔާތަކުގެ މައްސަލަ ބައިނަލްއަޤްވާމީ އިދާރާތަކަށް ގެންގޮސް އެކަންހުއްޓުވުމަށް އިސްލާމީ ހުރިހާ ގައުމުތަކެއް ގުޅިގެން މަސައްކަތްކުރުން ކަމަށް އޮގްލޯ ވިދާޅުވިއެވެ. މިޔަންމާގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާބެހޭ ގޮތުން މިދިޔަ ސެޕްޓެމްބަރުމަހު މާތްވެގެންވާ މައްކާގައި ވަނީ އިސްލާމީ ގައުމުތަކުގެ އިސްވެރިންގެ ކުއްލި ސަމިޓެއްވެސް ބާއްވާފަ އެވެ.

މިޔަންމާގެ މުސްލިމުންގެ ޙިމާޔަތް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ވަކާލާތު ކުރުމަށްޓަކައި އިސްލާމީ 11 ގައުމެއް އެކުލެވޭ ޚާއްސަ ކޮމިޓީއެއް އެސަމިޓުން އުފައްދާފައިވެ އެވެ. މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް ހަރުކަށި ބުޑިސްޓުން ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތަކުގެ ތެރޭގައި މުސްލިމުން މެރުމާއި އެމީހުންގެ ގެދޮރާއި މިސްކިތްތަކާއި ދީނީ މަދްރަސާތަކުގައި ހުޅުޖެހުމާއި މުސްލިމުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުން ހިމެނެ އެވެ. މިޖަރީމާތަކުގައި މިޔަންމާގެ ދައުލަތްވެސް ބައިވެރިވާކަމަށް އދ. އިން ވަނީ ތުހުމަތުކޮށްފަ އެވެ. ފާއިތުވި ދެތިން ހަފްތާތެރޭގައި މިޔަންމާގެ މިކްތީލާ ސަރަހައްދުގެ މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި ޢަމަލުތަކުގައި މުސްލިމުންގެ 40 މީހަކު މަރުވެފައިވާ އިރު މިޔަންމާގެ އިތުރު ސަރަޙައްދުތަކުގައި ވެސް މުސްލިމުންނާ ދެކޮޅަށް މިފަދަ ޖަރީމާތައް ހިންގަން މިހާރު ފަށާފައިވާ ކަމަށް ޚަބަރު ލިބެ އެވެ.

މިދިޔަ އަހަރު މިޔަންމާގެ ރެކިން ސްޓޭޓްގައި އެގައުމުގެ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން ހިންގި އަނިޔާވެރި ޢަމަލުތަކުގައި ވެސް މުސްލިމުންގެ 140 މީހަކު މަރުވެ ލައްކައަކަށްވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި ހާލުގައިޖެހި އަމިއްލަ ވަޒަނުން ބޭރުކޮށްލެވިފައިވެ އެވެ. (ނޫސްއެޖެންސީތައް)