01 Apr 2013, 09:54
ނިއުދިއްލީ (އޭޕްރިލް 01): ސްރީލަންކާ ސަރުކާރަށާއި ރައީސް މަހިންދަ ރާޖަޕަކްސަ އާ ދެކޮޅަށް އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި މުޒާހަރާކޮށްފި އެވެ.
އިއްޔެ ދިއްލީގައި ކުރި މިމުޒާހަރާ އިންތިޒާމްކޮށްފައި ވަނީ އިންޑިޔާގެ ކޮމިއުނިސްޓް ޕާޓީއާއި ދިއްލީ ޔުނވަރސިޓީގެ ދަރިވަރުންނާއި އިންޑިޔާގެ ތަމަޅަ ބައެއް ޖަމްޢިއްޔާތައް ގުޅިގެންނެވެ. މުޒާހަރާކުރި މީހުންވަނީ ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުން އެގައުމުގެ ތަމަޅަ ދަރިކޮޅުގެ މީހުންގެ އިންސާނީ ހައްޤުތަކަށް ފުޅާދާއިރާއެއްގައި އަރައިގެންފައިވާ ކަމަށާއި އަދި ތަމަޅަ މަދަނީންނާ ދެކޮޅަށް ސްރީލަންކާ ސިފައިން ހަނގުރާމައިގެ ޖަރީމާތައް ވެސް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އެކަމާދެކޮޅަށް އަޑުއުފުލާފަ އެވެ. މުޒާހަރާކުރި މީހުން އިންޑިޔާ ސަރުކާރަށް ގޮވާލާފައި ވަނީ ރައީސް މަހިންދަ ރާޖަޕަކްސައާ ދެކޮޅަށް އިންޑިޔާ އިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށެވެ.
މީގެއިތުރުން ސްރީލަންކާގެ އަހްލީ ހަނގުރާމައިގެ އެންމެ ފަހުގެ ދުވަސްތަކުގައި ތަމަޅަ ދަރިކޮޅުގެ އާންމުންނާ ދެކޮޅަށް އެގައުމުގެ ސިފައިން ހިންގިކަމަށްބުނާ ލާއިންސާނީ ޖަރީމާތައް ފުރިހަމަ އަށް ބަލައި ތަހްގީގުކޮށް ރައީސް ރާޖަޕަކްސަ އަށާއި ސްރީލަންކާގެ މަސްއޫލުވެރިންނާ ދެކޮޅަށް ފިޔަވަޅުއެޅުމަށް ގޮވާލާ ޤަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރުމަށް އިންޑިޔާ ސަރުކާރުން ބާރުއެޅުމަށްވެސް މުޒާހަރާކުރި މީހުން ގޮވާލާފައިވެ އެވެ.
މިގޮތުން މިކަމަށް ބާރުއަޅާ ޤަރާރެއް އިންޑިޔާގެ ޕާލަމެންޓުން ފާސްކޮށްދިނުމަށް މުޒާހަރާކުރި ފަރާތްތަކުން އިންޑިޔާ ސަރުކާރަށާއި ސިޔާސީ ޕާޓީތަކަށް ގޮވާލާފައިވެ އެވެ. މިމައްސަލަތަކުގައި މިދިޔަ މަހު އިންސާނީ ހައްގުތަކާބެހޭ އދ.ގެ ކައުންސިލުންވަނީ ސްރީލަންކާ ސަރުކާރާ ދެކޮޅަށް ޤަރާރެއް ފާސްކޮށްފަ އެވެ. މިޤަރާރު ފާސްކުރުމަށް ވޯޓުދިން ގައުމުތަކުގެ ތެރޭގައި އިންޑިޔާ ހިމެނެ އެވެ.
އދ.ގެ ޤަރާރުގައި ސްރީލަންކާގެ ތަމަޅަ ދަރިކޮޅުގެ މީހުންގެ ޙިމާޔަތުގައި ފިޔަވަޅުތަކެއް އެޅުމަށް ސްރީލަންކާ ސަރުކާރަށް ގޮވާލާފައިވެ އެވެ. އަދި ތަމަޅަ އާންމުންނާ ދެކޮޅަށް ހިންގާފައިވާ ކަމަށްބުނާ ޖަރީމާތައް ފުރިހަމައަށް ބަލައި ތަޙުގީކޮށް އެކަމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުއެޅުމަށް ސްރީލަންކާ ސަރުކާރަށް ގޮވާލާފައިވެ އެވެ. ނަމަވެސް މިގަރާރު ޤަބޫލުކުރުމަށާއި ޤަރާރުގައިވާ ކަންކަން ތަންފީޒުކުރުމަށް ސްރީލަންކާ ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. (ރޮއިޓާސް)