އާތަރ ބްރަދާޒްގެ މަޝްހޫރުކަން ރާއްޖެއާ ހަމައަށް އައިސްފައިވާ އިރު، ގިނަ ބައެއްގެ ހިތުގައި މިހާރު އުފެދިފައިވާ ސުވާލަކީ މިދެބެންނަކީ ކޮބައިބާއޭ މިސުވާލެވެ.

އެންމެ ފުރަތަމަ މީޑިއާގެ ތެރޭގައި މި ދެ ބެންގެ ވާހަކަތައް އާއްމުވެފައި ވަނީ ކެންޔާގައި އާތަރ ބްރަދާޒް އިން ޖަހާފައިވާ ސަކަރާތް ގަނޑުގެ ތެރެއިން ނެވެ. ކެންޔާގައި މިދެބެން ހޭދަކުރި ދުވަސްވަރު ކެންޔާގައި ގިނަ އަދަދެއްގެ "ޖަރީމާތަކެއް" ހިންގާފައިވާ ކަމަށް ކެންޔާގެ މީޑިއާތަކުން ބުނެފައިވާ ނަމަވެސް، މިދެބެންގެ ހަގީގަތް އެފަހަރު ވެސް ހޯދިފައެއް ނުވެ އެވެ.

ކެންޔާގެ މީޑީއާތަކުން ބުނާ ގޮތުގައި 2005 ވަނަ އަހަރުން ފެށިގެން އާތަރ ބްރަދާޒް ކެންޔާގައި ހަރަކާތްތެރިވެފައިވާ އިރު، މިމުއްދާތުގައި ކެންޔާގެ ތެރޭގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ޖެހިލުމެއް ނެތި ދެބެން ކޮށްފައިވެ އެވެ.

މިގޮތުން ކެންޔާގެ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުންގެ ފެންވަރުގައި މި ދެބެން ވެސް އައްޔަނުކޮށްގެން މަސައްކަތްތަކެއް ކުރި އިރު، ކެންޔާގެ ސަރުކާރުގެ ތެރެއިން ލިބޭނެ ގިނަ ރައްކާތެރިކަންތަކެއް ދެބެންނަށް ލިބެމުން ދިޔަ އެވެ. މިގޮތުން ކެންޔާގެ ސަރުކާރުގެ ނަން ބޯޑު ޖެހި ދެ މާސެޑީޒް ކާރު ބޭނުންކުރުމާއި ކެންޔާގެ ރައްޔިތުންގެ ގޮތުގައި އެކި ނަންނަމުގައި ދެބެން ގިނަ އަދަދެއްގެ ޕާސްޕޯޓުތައް ހައްދާފައިވާ ކަމަށް ދަ އިކޮނޮމިސްޓުން ބުނެ އެވެ.

ކެންޔާގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރީ، މި ދެ ބެންނަކީ ކެންޔާގެ އޭރުގެ ރައީސް އެމްވައި ކިބަކީ އޭނާގެ ވެރިކަން ހިމާޔަތްކޮށް، އިދިކޮޅު ސިޔާސީ ބޭފުޅުން އަވަހާރަކޮށް، މީޑިއާގެ އަގަބަންދުކުރުމުގެ ގޮތުން ކެންޔާއަށް ގެނެސް، ބޭނުންކުރަމުންދިޔަ ދެމީހުން ނެވެ.

އެހެން ނަމަވެސް، ކެންޔާގެ އެއާޕޯޓުގެ ވީއައިޕީ ލޯންޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާތަރ ބްރަދާޒް އިން ބުނެފައި ވަނީ އެދެބެން ނަކީ ކުލީ ސިފައިން ނޫން ކަމަށާއި ރަނާއި އަލިމަހުގެ ވިޔަފާރިކުރާ ދެ ވިޔަފާރިވެރިން ކަމަށެވެ. އަދި އެ ދެބެންނަކީ ކުލީ ސިފައިން ކަމަށްވީ ނަމަވެސް، ކެންޔާގެ ސަރުކާރަށް އެދެބެން ކުއްޔަށް ނުހިފޭނެ ކަމަށާއި، އެވަރަށް ފައިސާ ނެތް ކަމަށް އެމީހުން ބުނެފައިވެ އެވެ.

ދެބެންގެ ވާހަކައިން އެންމެ ފާހަގަކޮށްލެވުނު ކަމަކީ، އެ ދެމީހުންނަކީ ކެންޔާގެ އިދިކޮޅު ފަރާތްތަކަށް އެހީވަމުންދާ ދެމީހުން ކަމަށް ބުނި ބުނުމެވެ. ދެބެން ބުނެފައި ވަނީ އެ ދެ މީހުންނަކީ ކެންޔާގެ އޭރުގެ ރައީސް ކިބަކީގެ ވެރިކަން ބަދަލުކޮށްލުމަށް އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތްކުރަމުންދާ ދެ މީހުން ކަމަށާއި އިދިކޮޅު ފަރާތްތަކަށް ފައިސާގެ ބޮޑެތި އެހީތަކެއް ދީފައިވާނެ ކަމަށްވެސް ދެބެން ވަނީ ތުހުމަތުކޮށްފަ އެވެ.

ކެންޔާގައި މިދެބެން ޖެހި ސަކަރާތް ގަނޑު ނިމުމަކަށް އައިސްފައި ވަނީ، ކެންޔާގެ ނައިރޯބީގެ އެއާޕޯޓުގެ ތެރެއިން ކަސްޓަމްސް އޮފިޝަލަކާ ދިމާލަށް ބަޑިއެއް ދިންކުރި ކަމުގެ ހަބަރުތައް ފެންމަތިވުމުން، ކެންޔާއިން ވަނީ 2006 ވަނަ އަހަރު މިދެބެން ކެންޔާއިން ޑީޕޯޓުކޮށްލާފަ އެވެ.

ޑީޕޯޓުކުރުމަށް ފަހު، ދެބެން ދިރިއުޅެމުން ދިޔަ ގެ ބަލާ ފާސްކުރުމުން ލިބިގެންދިޔައީ އިތުރު ހައިރާން ކަމެކެވެ. ދެބެންގެ ހަގީގަތާ ބެހޭ އެއްވެސް ސުވާލަކަށް ޖަވާބުނުދެވި ވަނިކޮށް އުފެދުނީ އިތުރު ސުވާލުތަކެކެވެ.

ގެއިން ފުލުހުންނަށް ފެނިފައިވާ ސާމާނުގެ ތެރޭގައި ސަރުކާރުގެ ނަންބޯޑު ޖެހި މާސެޑީޒް ކާރަކާއި ކެންޔާގެ ރިޔާސީ ގާޑުންގެ ސީރިއަލް ނަމްބަރުތަކަކާ އެކު ދޫކޮށްފައިވާ އޭކޭ-47 ބަޑިތަކަކާއި، އޮޓޮމެޓިކް ފިސްތޯލަތަކަކާއި، ދެބެންގެ ފޮޓޯއާއެކު އެހެން ނަންނަމުގައި ހައްދާފައިވާ ކެންޔާގެ ޕާސްޕޯޓުތަކަކާއި، ދެބެންގެ ތެރެއިން އެކަކު ކެންޔާގެ ފުލުހުންގެ އިސް މަގާމަކަށް އައްޔަނުކޮށްފައިވާ ކަމުގެ ލިޔުމެއް އަދި ކެންޔާގެ ކޮމާންޑޯ ފުލުހުން ބޭނުންކުރާ މާސްކާއި ޔުނިފޯމް ހިމެނެ އެވެ.

ކެންޔާއިން ޑީޕޯޓުކޮށްލުމުން އާތަރ ބްރަދާސް މީޑިއާ ރާޑަރުން ކައްސާލުމަށް ފަހު، ދެން ފެނިގެންދިޔައީ ރާއްޖެ އިން ނެވެ. މިފަހަރު ވެސް ފެނިގެންދާ އިރު، ހަގީގަތް ނޭނގޭ ގިނަ ކަންތައްތަކެއް ފާހަގަކުރެވެ އެވެ.