މޯލްޑިވްސް ޑިވެލޮޕެމެންޓް އެލަޔަންސް (އެމްޑީއޭ) އިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އެންމެހައި ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ކުރިޔަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަވައިދެއްވުން އެދި އެ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމެޓީ އަށް ހުށަހެޅި މައްސަލަ މާދަމާ ބާއްވާ އެ ކޮމެޓީގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފި އެވެ.

މާދަމާ ކޮމެޓީގެ ބައްދަލުވުން ބާއްވަން ހަމަޖައްސާފައި ވަނީ މެންދުރުފަހު 2:00 އަށެވެ.

އެމްޑީއޭއިން މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމެޓީ އަށް ހުށަހެޅި ސިޓީގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ސިޔާސީ ޕާޓީގެ ގާނޫނުގެ އަށް ވަނަ މާއްދާގެ (ށ) އަށް އަމަލުކުރުމުގެ ގޮތުން މެންބަރުން ހަމަކުރާ އިރު، އެ ގާނޫނު ތަސްދީގު ކުރެއްވި އިރު އިލެކްޝަންސް ކޮމިޝަނަށް އެހާތަނަށް ހުށަހަޅާފައިވާ މެންބަޝިޕް ފޯމުތަކުގެ ސައްހަކަން ޔަގީން ކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.

"ވީމާ މި ޕާޓީން މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތައް ނުގުނައި އަދި އެ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަކާ ނުލައި ބެހެއްޓުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރުގެ ރޫހާއި ޚިލާފު އަދި އެ އަމުރުގައި ސިޔާސީ ޕާޓީއެއް އުވޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އަންގާފައިވާ އެންގުމާ ޚިލާފުވާ ފަދަ ކަމެއް ކަމަށް މި ޕާޓީން ދެކޭތީ، މި މައްސަލަ ތިޔަ ކޮމެޓީން ވީހާ ވެސް އަވަހަކަށް ބައްލަވައިދެއްވައި، މި ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އެންމެހައި ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ކުރިޔަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަވައިދެއްވުން އެދެމެވެ." އެމްޑީއޭގެ އިންތިގާލީ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ސޮއި ކުރައްވައި މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމެޓީ އަށް ފޮނުއްވާފައިވާ ދެ ސޮފުހާގެ ސިޓީގައިވެ އެވެ.

މި ކަމާ ގުޅޭ ގޮތުން އެމްޑީއޭގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ސަން އަށް ވިދާޅުވީ ސިޔާސީ ޕާޓީ ތަކުގެ ކަންތައްތައް މިހާރު މި އޮތް ހާލަތަށް ބަލާ އިރު، މި ކަމަށް ގޮތެއް ނިންމުމުގެ އިޚުތިޔާރާއި ބާރު މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމެޓީއަށް ލިބިގެންވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެ ގޮތުން ސުޕްރީމް ކޯޓުގެ ވަގުތީ އަމުރު ވެސް އޮތީ ޕާޓީތައް އުވޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ކަމަށް ވާ އިރު، ޕާޓީތައް ވުޖޫދުގައި ދެމެހެއްޓުމަށް އަދި އަދި އެ ޕްރޮސެސް އަވަސް ކުރުމަށް މަސައްކަތް ކުރުމުގެ ބާރު ކޮމެޓީ އަށް އޮންނާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމެޓީ އަކީ ދިވެހިރާއްޖޭގެ އެންމެހައި މިނިވަން މުއައްސަސާ ތަކުގެ ބެލެނިވެރި ފަރާތް. ޕާޓީ ތަކުން ހުށަހަޅާ މެންބަރޝިޕް ފޯމު ތަކުގައި ފިންގަރޕްރިންޓު ޖެހުމުގެ މައްސަލައިގައި ވެސް ކުރިން އިލެކްޝަނުން ފޯމުތައް ބަލައިގަތުމުގައި މައްސަލަތަކެއް ކުރިމަތިވި. ސިޔާސީ ޕާޓީ ތަކުގެ މެދުގައި އެ ކަމުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވެސް އުފެދުނު. އެކަމުގައި ވެސް އެންމެ ފަހުން ގޮތެއް ނިންމީ މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމެޓީން. އަދި އެ ނިންމުމާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުން އައީ ވެސް. އެހެން ކަމުން މިހާލަތުގައި ވެސް ޕާޓީތައް ނުއުވި، ވުޖޫދުގައި ދެމެހެއްޓުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމުގެ ފުރިހަމަ ބާރު އެ ކޮމެޓީއަށް ލިބިގެންވާ ކަމަށް އެމްޑީއޭ އިން ގަބޫލު ކުރަނީ،" އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ އެމްޑީއޭ އިން ހުށަހަޅާފައިވާ މި މައްސަލައަށް ކޮމެޓީން އިހުތިރާމްކޮށް ރަނގަޅު ގޮތަކަށް މި މައްސަލަ ނިންމަވައިދެއްވާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕާޓީ އަށް އަލަށް ވަންނަން ބޭނުންވާ މީހުންގެ ފޯމުތައް އިލެކްޝަނުން ބަލައިނުގަންނާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަލަށް ފާސްކުރި ގާނޫނުގެ ދަށުން އެމްޑީއޭ އަށް ވަނުމަށް އެދި ފޯމު ފުރާފައިވާ، ޝަރުތު ހަމަވާ ގިނަ އަދަދެއްގެ ފޯމުތައް ވެސް ޕާޓީގެ އޮފީހުގައި ބަހައްޓަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ޕާޓީ އަށް އަލަށް ގުޅުމަށް ގިނަ އަދަދެއްގެ ބަޔަކު ޝައުގުވެރިކަން ފާޅު ކުރަމުން ދިޔަ ނަމަވެސް، އާ ގާނޫނާ ގުޅިގެން ހެދޭ ގަވައިދުގެ ދަށުން މެންބަރޝިޕު ފޯމުގެ ޑިޒައިނަށް ނުވަތަ އެ ނޫން ވެސް ސަބަބަކާ ހެދި ފޯމު ބަލައިގަތުމުގައި އިލެކްޝަނުން ގެންގުޅެފާނެ އުސޫލެއް ނޭނގި ލަސްވާތީ އެ ކަމާ މެދު ވެސް ޕާޓީގެ ލީޑަޝިޕުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ މެންބަރޝިޕު ފޯމުތަކުގެ ސައްހަކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްދެއްވުން އެދި އިލެކްޝަންސް ކޮމިޝަނުގައި ވެސް ޕާޓީން އެދިފައިވާ ކަމަށެވެ. އަދި ގާނޫނީ މަރުހަލާގައި ވެސް ޕާޓީގެ ލީގަލް ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސިޔާސީ ޕާތީ ތަކުގެ ބިލު ފާސް ކުރުމުގެ ކުރީން އެމްޑީއޭ އިން ވަނީ 10000 މެންބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގު ކުރައްވައި ގެޒެޓު ކުރެއްވުމުގެ ކުރީން 12000 އަށް ވުރެ ގިނަ ފޯމު އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފައިވެ އެވެ.