ޒިނޭގެ ކުށް ސާބިތުވެ 100 އެތިފަހަރުން ހައްދު ޖެހުމާ އެކު އަށް މަސް ދުވަހަށް ގޭބަންދު ކުރުމަށް ށ. ފޭދޫ 15 އަހަރުގެ އަންހެން ކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ބަންޑާރަ ނާއިބް އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައި ވަނީ މިއަދު ކަމަށެވެ. އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ އެކުއްޖާގެ ދިފާއީ ވަކީލު ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

އެ ކުއްޖާ މިހާރު ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގަ އެވެ.

އާޒިމާ ވިދާޅުވީ އެ ހުކުމް އިސްތިއުނާފު ކުރީ ޖުވެނައިލް ކޯޓުން އެ ކުއްޖާގެ ހެކިބަސް ނަގާފައިވަނީ ގާނޫނު އަސާސީގައި ހެކި ނަގަން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށް ފެންނާތީ އާއި ދައުވާކޮށްފައި ވަނީ ޖިނާއީ އިޖުރާއަތު ފުރިހަމަނުކޮށް ކަމަށް ފެންނާތީ ކަމަށެވެ.

ދައުވާ ކޮށްފައިވާ ގޮތާއި ކުއްޖާގެ ނަފްސާނީ ރިޕޯޓްތަކަށް ބަލާއިރު، އެ ކުއްޖާގެ މައްޗަށް ހައްދު ގާއިމުކުރެވޭ ކުށެއް ސާބިތުވިކަމަށް ބަލާފައި ވަނީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ނޫން ކަމަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ހައިކޯޓަށް މިއަދު އެ މައްސަލަ ހުށަހެޅި ނަމަވެސް މައްސަލަ ކޯޓަށް ބަލައިގަތުމާ މެދު އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.

އެ ކުއްޖާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެފައި ވަނީ އެހެން މީހަކާ އެކު ރުހުމުގައި ޒިނޭ ކުރިކަމަށް ޝަރީއަތުގައި އެކުއްޖާ އިއުތިރާފު ވުމުން ކަމަށް ޖުވެނައިލް ކޯޓުން ވަނީ ބުނެފަ އެވެ.

އެހެން މީހަކާ އެކު ރުހުމުގައި އެ އަންހެން ކުއްޖާ ޒިނޭކުރިކަން ފެންމަތިވީ ދޮންބައްޕަ އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްގެން ލިބުނު ދަރިފުޅު މަރާލި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ. އެހެން ކަމުން އެ ކުއްޖާއަށް ދޮން ބައްޕަ ކުރި ޖިންސީ ގޯނާ އާއި އެ ކުއްޖާ އަމިއްލަ ރުހުމުގައި ކުރި ޒިނޭއާ މިއީ ތަފާތު ދެ މައްސަލައެއްކަން އޮފިޝަލުން ފާހަގަ ކުރައްވައެވެ.

އަންހެންކުއްޖާ ވިހެއި ދަރިފުޅު މަރާލި ކަމުގެ ތުހުމަތުގައި އެކުއްޖާގެ ދޮންބައްޕަ އާއި އެކުއްޖާގެ މަންމަގެ މައްޗަށް ދައުލަތުން ވަނީ "ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ" އުފުލާފަ އެވެ.

އެ ދައުވާގެ އިތުރުން ދޮންބައްޕަގެ މައްޗަށް ވަނީ އޮރިޔާން ކާޑް ގެންގުޅުމުގެ ކުށުގެ ދައުވާ އާއި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ޖިންސީ ގުޅުން ހިންގި ކަމުގެ ދައުވާ ވެސް އުފުލާފަ އެވެ.