އޭއެފްސީ ކަޕްގެ ގްރޫޕް އެފްގައި މިޔަންމާގެ ޔަންގޮން ޔުނައިޓެޑާ ދެކޮޅަށް ރަށުންބޭރުގައި ކުޅޭމެޗަށް ރާއްޖޭގެ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބް މިޔަންމާ އަށް ދިއުމަށް މިރޭ ފުރައިފި އެވެ.

އަންނަ ބުދަ ދުވަހު ބަރުމާގެ ކުރީގެ ވެރިރަށް ޔަންގޮންގެ ތުވަންނަ ވައިޓީސީ ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފަވާ މެޗަށް ނިއުގެ ކުޅުންތެރިންނާއި އޮފިޝަލުން މިރޭ އެއްނަންބަރު ފާލަމުން ފުރިވަގުތު ޓީމު ފުރުވުމަށްޓަކައި ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރާއި ހާރިޖީ ވަޒީރުގެ އިތުރުން އެފްއޭއެމްގެ ނާއިބު ރައީސާއި ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ އިސްވެރިން އެތަނަށް ވަޑައިގެންފައިވެ އެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް އެފްގެ ކޮންމެ ޓީމެއް މިހާތަނަށް ދެމެޗު ކުޅެފައިވާ އިރު ކުޅުނު ދެމެޗު ކާމިޔާބު ކޮށްގެން ހަ ޕޮއިންޓާއި ފައިދާ އަށްލަނޑާ އެކު ގްރޫޕުގެ އެއްވަނައިގައި މިވަގުތު އޮތީ ނިއުރޭޑިއެންޓް އެވެ. އަދި ކުޅުނު ދެމެޗުން މޮޅުވެ ހަ ޕޮއިންޓާއި ފައިދާ ފަސް ލަނޑާ އެކު ތާވަލުގެ ދެވަނައިގައި އޮތީ ޔަންގޮން ޔުނައިޓެޑް އެވެ.

މިޔަންމާ އަށް މިރޭ ޓީމު ފުރުމުގެ ކުރިން ނިއުގެ ތަޖުރިބާކާރު ކޯޗު ބަލްގޭރިޔާގެ ވެލިޒާ ޕޮޕޯފް "ސަން" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބުނީ، ޔަންގޮން އަކީ ގްރޫޕުގައި ހިމެނޭ އެންމެ ވަރުގަދަ އެއް ޓީމު ކަމުގައިވީ ނަމަވެސް ނިއުއިން މިސީޒަންގައި މިހާތަނަށް ހޯދާފައިވާ ކާމިޔާބަށް ބަލާފައި ކުރިއަށް އޮތް މެޗުން ވެސް މޮޅުވެވޭނޭ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.

"ކޮންމެ މެޗަކަށް ވެސް އަހަރުމެން ނިކުންނަނީ މޮޅުވާން. ވޭތުވެ ދިޔަ ފަސް ވަރަކަށް ހަފްތާގެ ތެރޭގައި ނިއުއަށް މިވަނީ އޮފިޝަލް ހަތް މެޗު ކުޅެ ހުރިހާމެޗަކުން މޮޅުވެފައި. އަދި 30 ލަނޑު ކާމިޔާބު ކުރެވިއްޖެ. އެހެން ކަމުން ކުރިއަށް އޮތްމެޗުން ވެސް މޮޅުވެވޭނޭ ކަމުގެ ޔަގީންކަން ވަރަށް ބޮޑު،" ނިއުގެ ކޯޗު ބުންޏެވެ.

ޕޮޕޯފް ބުނީ ސީޒަން ފެށިގެން އައި އިރު އެއްވެސް ބަޔަކު ނިއުރޭޑިއަންޓާ ދޭތެރޭގައި އެހާބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް މިހާރު އެންމެވެސް ނިއުއާ ދޭތެރޭގައި ޖެހިލުންވާ ކަމަށެވެ. އެހެން ނަމަވެސް ޔަންގޮން ޔުނައިޓެޑަކީ، މުބާރާތުގައި މިހާތަނަށް ނިއު ކުޅުނު ދެމެޗުގައި ބައްދަލު ކުރި ހޮންކޮންގެ ސަންހައި އާއި އިންޑޮނޭޝިޔާގެ ޕަރްސިބޯއަށް ވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ ޓީމަކަށް ވުމުން އެޓީމާ އެކު ކުޅޭމެޗު ވަރަށް އުނދަގޫވާނޭ ކަމަށެވެ.

"ޔަންގޮންއަކީ ގްރޫޕުގައި ހިމެނޭ ފެވަރިޓް، އަދި ސަންހައި އާއި ޕަރްސިބޯއަށް ވުރެ ހުރިހާގޮތަކުން ވެސް ވަރުގަދަ ޓީމެއް. އެކަމަކު އަހަރުމެން އެޓީމުގެ އަތުން މޮޅުވާކަށް ޖެހިލުމެއް ނުވޭ،" އިތުބާރާއެކު ނިއުގެ ކޯޗު ބުންޏެވެ.

ނިއުގެ ކޯޗު ބުނިގޮތުގައި ޔަންގޮންއާ ދެކޮޅަށް ނިކުންނައިރު ޓީމުގައި އަނިޔާގެ މައްސަލަތަކެއް އެބަހުއްޓެވެ. އެގޮތުން ދިވެހި ލީގުގައި ވެލެންސިޔާއާ ދެކޮޅަށް ކުޅެ ފަހެއް ސުމަކުން ނިއު މޮޅުވި މެޗުގައި ނިއުގެ ތަޖުރިބާކާރު ފޯވަޑް އަލީ އުމަރަށް ލިބުނު އަނިޔާއިން އަދިވެސް އޭނާ ރިކަވާ ނުވާ ކަމަށާއި އެހެން ކަމުން މިޔަންމާއަށް ގޮސް ޕްރެކްޓިސް ކުރާއިރު އަލީ އުމަރުގެ އަނިޔާ ރަނގަޅު ނުވެއްޖެ ނަމަ އޭނާ އެމެޗުގައި ނުކުޅޭނެ ކަމަށެވެ. އަދި ކޯޗު ބުނީ ނިއުގެ ކުރީގެ ކެޕްޓަން އަހްމަދު ތޯރިގު (ޓޮމް)އަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ޓޮމްގެ އަނިޔާ އެހާ ސީރިޔަސް ނޫން ކަމަށެވެ.

"ޔަންގޮން އަކީ އަވަސް، އެޓޭކިން ގޭމެއްކުޅޭ ވަރުގަދަ ޓީމެއް. އަދި އެޓީމުގެ ކޯޗަކީ ވެސް ތަޖުރިބާހުރި އޭޝިޔާގައި ނަން މަޝްހޫރު އަދި އަހަރެން ވަރަށް ރަނގަޅަށް ދަންނަ މޮޅު ކޯޗެއް. މި މެޗަކީ އަހަރުންމެންނަށް ކުޅެން ޖެހޭ އެންމެ އުނދަގޫ މެޗަށް ވެގެންދާނެ. އެކަމަކު ވެސް އަހަރުމެން އެއްވެސް ވަރަކަށް އެ ޓީމާ ދޭތެރޭގައި ޖެހިލުމެއް ނުވޭ. އަދި އަހަރުމެންނަކީ އެޓީމަށް ރަނގަޅު ޗެލެންޖަކަށް ވާނެ." އިދިކޮޅު ޓީމާ ދޭތެރޭގައި ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން ނިއުގެ ކޯޗު ބުންޏެވެ.

ނިއުގެ ކޯޗު އިތުރަށް ބުނީ ޔަންގޮންއާ ދެކޮޅަށް ކުޅޭމެޗުގައި އެ ޓީމުން ކިތަންމެ ވަރުގަދަ ކުޅުމެއް ކުޅުނު ކަމުގައި ވިޔަސް ނިއުއިން ފަހަތަށް ޖެހިގެން ޑިފެންސްކުރަން ނުތިބޭނޭ ކަމަށެވެ. އަދި އޭގެ ބަދަލުގައި ކުޅެވޭތޯ މަސައްކަތް ކުރާނީ އަވަސް "އެޓޭކިން ގޭމެއް" ކަމަށެވެ.