31 Mar 2013, 21:53
ގިނަ ޖަރީމާތަކެއްގެ ތުހުމަތު އެމީހުންގެ މައްޗަށް ކުރެވޭ އަރުމީނީއާގެ ދެބެން ކަމަށްވާ އާތަރ ބުރަދާސްއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އަދީބް ވިދާޅުވީ ހަގީގަތް ރަނގަޅަށް ނުބަލައި މީޑިއާގައި ދައްކަމުންދާ ވާހަކަތަކާ މެދު ހިތާމަކުރައްވާ ކަމަށާއި އާތަރ ބުރަދާސްއާ ދިމާވީ ހުޅުމާލެ އިން ކަމަށެވެ.
"މީޑިއާގައި ހަބަރު ފަތުރަމުންދާ ގޮތުން އެވާހަކަ ވަރަށް ނެގަޓިވްކޮށް ފެތުރެމުންދަނީ. އަޅުގަނޑާ އެމީހުންނާ (އާތަރ ބުރަދާސް) ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެ." އަދީބް ވިދާޅުވި އެވެ.
އަދީބް ވިދާޅުވީ ހުޅުމާލޭގައި ރޭސިން އެސޯސިއޭޝަނުން ބޭއްވި ރޭހެއްގެ ތެރެއިން އެމީހުންނާ ދިމާވި ކަމަށާއި އެމީހުން ދެއްކި ވާހަކަތަކަކީ ރައީސް ނަޝީދުގެ ސަރުކާރުގެ އިސް ބޭފުޅުންތަކެއް އެމީހުންގެ އަތުން ފައިސާތަކެއް އަތުލައި، އިންވެސްޓްކުރުމުގެ ނަމުގައި ލަނޑުދިން ވާހަކަ ކަމަށެވެ.
"އެމީހުން ހުޅުމާލެއިން އަޅުގަނޑުމެނާ ދިމާކުރީ. އެމީހުން ދެއްކި ވާހަކައަކީ ކުރީގެ ސަރުކާރު (ރައީސް ނަޝީދުގެ ސަރުކާރު)ގެ އިސް ބޭފުޅުން ރާއްޖޭގައި އިންވެސްޓްކުރުމުގެ ނަމުގައި އެމީހުންގެ އަތުން ލާރިތަކެއް ނެގުމަށް ފަހު އެމީހުންނަށް ލަނޑުދިން ވާހަކަ،" އަދީބް ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމް ވެސް ވިދާޅުވީ އާތަރ ބްރަދާސް އާ އެ މަނިކުފާނާ ގުޅުން އޮތް ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.
މިނިސްޓަރު އަދީބާއި އާތަރ ބްރަދާސްއާ ދެމެދު ގުޅުންތަކެއްވާ ކަމަށް ބުނެ ވާހަކަ ދެކެވެމުން ދަނީ ހުޅުމާލޭގައި ބޭއްވި ރޭހެއްގެ ތެރެއިން ނަގައިފައިވާ ފޮޓޯއެއްގައި އަދީބްގެ ފަހަތުން އާތަރ ބްރަދާސް ކަމަށް ބުނާ ދެ މީހަކު ފެންނާތީ އެވެ. މިފޮޓޯގައި މިނިސްޓަރު އަދީބްގެ އިތުރުން ޑިފެންސް މިނިސްޓަރު ނާޒިމް ވެސް ފެނެ އެވެ.
އަދީބު ވިދާޅުވީ އެ މަނިކުފާނަށް އެނގިވަޑައިގެންފައިވާ ގޮތުގައި ރާއްޖެ އައީ ވެސް އާތަރ ބްރަދާސްގެ އެކެކެވެ. ދެ ވަނަ މީހަކީ އާތަރ ބްރަދާސްގެ ތެރޭގައި ހިމެނޭ މީހެއް ނޫން ކަމަށެވެ. އަދި ރާއްޖެ އައި މީހާ ވެސް މިހާރު ވަނީ ފުރައިފަ އެވެ.
ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ފަރާތްތަކަކުން ދަނީ މިނިސްޓަރު އަދީބާއި ނާޒިމާއި އާތަރ ބްރަދާސްއާ ދެމެދު ގުޅުންތަކެއް އޮންނަ ކަމަށް ބުނެ އެ ފޮޓޯ ޝެއާ ކުރަމުންނެވެ.
އަދީބް ވިދާޅުވީ ސޯޝަލް މީޑިއާގައި އެ ގޮތަށް ޝެއާކުރެވޭ ކޮންމެ މައުލޫމާތެއް، އޭގެ ހަގީގަތް ނުބަލައި މީޑިއާ އިން ޝާއިއުކުރުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި ކަމުގެ ހަގީގަތް ހޯދަން ބޭނުން ނަމަ، އާތަރ ބްރަދާސްއިން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނީގެ ހިއްސާދާރުންނަކީ ކޮބާތޯ ބެލުމުން، އާތަރ ބްރަދާސްއާ ގުޅުން އޮތީ ކޮން ފަރާތްތަކަކާ ކަން އެނގިގެންދާނެ ކަމަށް އަދީބް ވިދާޅުވި އެވެ.
"އާތަރ ބްރަދާސްއާ ގުޅުން އޮތް ފަރާތްތައް ބަލަން ބޭނުން ނަމަ އެމީހުން (ރާއްޖޭގައި) އުފެއްދި ކުންފުނީގެ ހިއްސާދާރުންނަކީ ކޮބައިތޯ ބެލުމުން އެކަން އެނގޭނެ ނޫންތޯ؟ އެހެން އެކަން އޮއްވާ ސޯޝަލް މީޑިއާގައި ދައްކާ ހުރިހާ ވާހަކައެއް ހަވީރުން ރިޕޯޓުކުރުން އެއީ ރަނގަޅު ގޮތެއް ނޫން. އާތަރ ބްރަދާސްއާ އެކު ފެންނަ ފޮޓޯއަކީ އާއްމުކޮށް ހުޅުވާލައިގެން ބޭއްވި އިވެންޓެއްގެ ތެރެއިން ނަގައިފައިވާ ފޮޓޯއެއް." އަދީބް ވިދާޅުވި އެވެ.