31 Mar 2013, 21:31
ރޭގެ ވަގުތެއްގައި ސިފައިންގެ މީހަކަށް ވަޅިން ހަމަލާދީފައި ވަނީ އެހެން މީހެއްގެ ގަޔަށް ވަޅިހަރަން އުޅުމުން އެމީހާ ސަލާމަތް ކުރުމަށް އޭނާ މަސައްކަތް ކުރަނިކޮށް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ލޮނުޒިޔާރަތް މަގު އިމްޕީރިއަލް ކައިރިން ރޭ 10:26 ހާއިރު ވަޅިން ހަމަލާދީފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަމްދޫން އަބްދުﷲ ހަމީދުގެ ބޮޑީގާޑް އިބްރާހިމް އަރީފު އަށެވެ.
ކޮމިޝަނަރު ރިޔާޒު ވިދާޅުވީ އާންމުންގެ މީހަކަށް ވަޅިން ހަމަލާދޭން އުޅެނިކޮށް އެކަމަށް ހުރަސްއަޅައި އެމީހާ ސަލާމަތް ކުރުމަށް އަރީފް ކުރި މަސައްކަތައްޓަކައި އޭނާ އަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ވިދާޅުވީ އަރީފު އެ ދެއްކީ ލާމަސީލު މިސާލެއް ކަމަށާއި އޭނާގެ ކެރުމާ ހިތްވަރަށް ސާބަސް ދެއްވާ ކަމަށެވެ.
އުމުރުން 22 އަހަރުގެ އަރީފުގެ ގަޔަށް ވަޅި ހަރައި ޒަޚަމްކޮށްލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަރީފަށް ދިން ހަމަލާގައި އޭނާގެ ބޮލާއި ބުރަކަށްޓާއި އަތް ޒަޚަމް ކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރީފްގެ ހާލު މިހާރު ރަނގަޅު ކަމަށާއި ނަމަވެސް އެކަމާ ބެހޭ އިތުރު މައުލޫމާތު މީޑިއާ އަށް ހިއްސާކުރުމަށް އޭނާ ބޭނުން ނުވާތީ އިތުރު މައުލޫމާތު ދެވެން ނެތްކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.
ކޮމިޝަނަރު ވިދާޅުވީ އަރީފަށް ހަމަލާދިން މީހުން ހޯދައި ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
http://www.youtube.com/watch?&v=v5Zcuacft2w