ބޭންކު އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް (ބީއެމްއެލް)ގެ ކަސްޓަމަރުންނަށް ދޫކޮށްފައިވާ އެމެކްސް ޑެބިޓް ކާޑުގެ ތެރެއިން މުއްދަތު ހަމަވާ ކާޑުތައް ކަސްޓަމަރުގެ އެޕްލިކޭޝަނާ ނުލައި އައު ކޮށްދޭގޮތަށް އެ ބޭންކުން ހަމަޖައްސައިފި އެވެ.

ގައުމީ ބޭންކުން ބުނެފައިވާގޮތުގައި އެގޮތަށް ހަމަޖެއްސީ އެ ބޭންކުގެ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތެއްގައި ހިދުމަތް ދިނުމުގެ ގޮތުންނެވެ.

"އެމެކްސް ޑެބިޓްކާޑް އައު ކުރުމަށް ހަމަޖެހިފައި ވަނީ ކާޑުގެ މުއްދަތު ހަމަވުމުގެ 15 ދުވަސް ކުރިންނެވެ. މިގޮތުން އެޕްރީލް 2013 އިން ފެށިގެން އައުކޮށްދެވޭ ކާޑުތައް، މުއްދަތު ހަމަވާ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބީއެމްއެލްގެ ކާޑު ސެންޓަރުން ލިބޭނޭ އިންތިޒާމް ވަނީ ހަމަޖެހިފައެވެ،" ބޭންކުން ބުނެފައިވެ އެވެ.

ގައުމީ ބޭންކުން އިތުރަށް ބުނެފައިވަނީ އެގޮތަށް އައުކޮށްދިނުމަށް ހަމަޖެހިފައިވަނީ، ފާއިތުވީ ތިން މަސްދުވަހުގެ ތެރޭގައި އެމެކްސް ޑެބިޓް ކާޑު ބޭނުން ކޮށްގެން މަދުވެގެން އެއް މުއާމަލާތް ކުރަށްވާފައިވާ ކަސްޓަމަރުންގެ ޑެބިޓް ކާޑު އެކަނި ކަމަށެވެ. އަދި މިހިނގާ މާޗު މަހުގެ ނިޔަލަށް މުއްދަތު ހަމަވާ އެމެކްސް ޑެބިޓް ކާޑުތައް ވެސް ކަސްޓަމަރުގެ އެޕްލިކޭޝަނަކާ ނުލައި އައު ކޮށްދިނުމަށްފަހު މި ފެށޭ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބީއެމްއެލްގެ ކާޑު ސެންޓަރުން ލިބެން ހުނާނޭ ކަމަށެވެ.

ރާއްޖޭގެ ގައުމީ ބޭންކުން ވަނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އެ ބޭންކުން ދޫކޮށްފައިވާ ވިސާ ޑެބިޓް ކާޑުތައް ވެސް މުއްދަތު ހަމަވުމުން ކަސްޓަމަރުންގެ އެޕްލިކޭޝަނާ ނުލައި އައުކޮށްދޭން ފަށާފަ އެވެ.