ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ސިފައިންގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ފަސްކޮށްފި އެވެ.

ޖުޑީޝަރީގެ މީޑިއާ ޔުނިޓްގެ އޮފިޝަލަކު ވިދާޅުވީ އިބްރާހީމް ދީދީގެ ޝަރީއަތް ފަސްކޮށްފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ފަހުން ޝަރީއަތް ބާއްވައި ދިނުމަށް އޭނާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެދިވަޑައިގަތުމުން ކަމަށެވެ.

އިބްރާހީމް ދީދީގެ ޝަރީއަތް ބާއްވަން ކުރިން ތާވަލް ކޮށްފައި އޮތީ މިއަދު ހަވީރު 4:00 އަށެވެ.

ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން އިބްރާހީމް ދީދީގެ މައްޗަށް ދައުލަތުން ކުރި ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާއަށް އޭނާ އިންކާރު ކުރެއްވުމުން ދައުލަތުން ހުށަހެޅި ބައެއް ހެކީންގެ ހެކިބަސް ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ ނަގާފަ އެވެ.

އިބްރާހީމް ދީދީގެ އިތުރުން އެ މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު އާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލު އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.