ބޮމެއް ގޮއްވާލާނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެން ފަރަންސޭސިވިލާތުގެ އެންމެ މަޝްހޫރު ލޭންޑުމާކު، އެއިފިލް ޓަވަރު ހުސްކޮށްފި އެވެ.

ފަރަންސޭސި ފުލުހުންނަށް ލިބުނު ކޯލަކާ ގުޅިގެން، ފުލުހުން ވަނީ އެއިފިލް ޓަވަރު ވަށައިގެންވާ ސަރަހައްދު ބަންދުކޮށް، އެއިފިލް ޓަވަރުގައި މަސައްކަތްކުރާ މުވައްޒަފުންނާ، ޓަވަރަށް ޒިޔާރަތްކުރަމުންދިޔަ ޓޫރިސްޓުން ނެރެ، ޓަވަރު ހުސްކޮށްފަ އެވެ.

ފަރަންސޭސި މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، މީހުން ހުސްކުރުމަށްފަހު ފުލުހުންގެ ހާއްސަ ޓީމަކުން ކުއްތާތަކެއްގެ އެހީގައި ދަނީ ޓަވަރު ބަލާ ފާސްކުރަމުން ނެވެ. ޓަވަރު އެއްކޮށް ބަލާ ފާސްކުރަން ގިނަ ވަގުތު ނަގާނެ ކަމަށް ބެލެވެ އެވެ.

ޓަވަރު ހުސްކުރި އިރު، މުވައްޒަފުންނާއި ޓޫރިސްޓުންނާ އެކު 1،800 އެއްހާ މީހުން ޓަވަރުގެ ތެރޭގައި ހަރަކާތްތެރިވަމުންދިޔަ ކަމަށް މައުލޫމާތު ލިބެ އެވެ.

މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެއިފިލް ޓަވަރު ގޮއްވާލާނެ ކަމަށް ބުނެ ގިނަ އިންޒާރުތަކެއް ވަނީ އެކި ފަރާތްތަކުން ދީފަ އެވެ. އެހެންނަމަވެސް އެންމެ ފަހުން ޓަވަރު ގޮއްވާލާނެ ކަމަށް ރިޕޯޓުކޮށްގެން ޓަވަރު ހުސްކޮށްފައި ވަނީ 2011 ވަނަ އަހަރު އެވެ. އެފަހަރު ޓަވަރު ހުސްކުރި އިރު، ޓަވަރުގައި 4،000 މީހުން ތިބި ކަމަށް ވެ އެވެ.

ފަރަންސޭސިވިލާތުގެ އަސްކަރިއްޔާއިން މާލީގައި ހިންގަމުންދާ އޮޕަރޭޝަންތަކާ ގުޅިގެން، ފަހަކަށް އައިސް އެގައުމުން ވަނީ ދާހިލީ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައި ކަމަށް ބީބީސީއިން ބުނެ އެވެ.