ފައިސާގެ މިނިވަންކަން ލިބިގެން ނޫނީ އެންމެ ބޭނުންވާ ގޮތަކަށް ޝަރުއީ ނިޒާމު ނުހިންގޭނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޑްރަގް ކޯޓުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް އެ ކޯޓުގައި މިއަދު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ އެއްވެސް ބައެއްގެ ނުފޫޒެއް ފިއްތުމެއް ނެތި ކޯޓުތައް ހިންގަން ބޭނުން ވާ ކަމަށް ވާ ނަމަ ކޯޓުތަކަށް ފައިސާގެ މިނިވަންކަން ލިބެން ޖެހޭ ކަމަށެވެ.

ކޯޓުތަކަށް އެކަށީގެންވާވަރަށް ބަޖެޓު ހަމަޖައްސައި ދިނުމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ދައުލަތުގެ ކަމާ ބެހޭ ވުޒާރާތަކުގައި ދަންނަވަމުން ގެންދާ ކަމަށާއި ނަމަވެސް އެކަމަށް ހައްލެއް ލިބިފައި ނުވާތީ އެކަމާ ކަންބޮޑުވާކަމަށް ވެސް އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.

ކުށްކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުން ކުރަންޖެހޭ މަސައްކަތްތައް ބަޖެޓް ނެތުމުގެ ސަބަބުން އަންނަ މަހުން ފެށިގެން ހުއްޓާލަން ޖެހޭ ކަމަށާއި އަދި ބަޖެޓު އޮތް ގޮތުން ފެމެލީ ކޯޓުން ރައްޔިތުންނަށް ދެމުންގެންދާ ކައިވެނިކޮށް ދިނުމުގެ ޚިދުމަތް ވެސް ދާދި އަވަހަށް ހުއްޓާލަން ޖެހިދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަންކަމުގެ ސަބަބުން އެކަމަނިކުފާނު ކަންބޮޑުވާ ކަމަށް ވެސް އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.

"އަޅުގަނޑު ކަންބޮޑުވޭ ފެމެލީ ކޯޓަށް އިތުރުގަޑީގަ ނެރެންޖެހޭ މުވައްޒަފުން ނެރެގެން ކައިވެނިތައް ނުރަސްމީ ގަޑީގައި ކޮށް ނުދެވޭކަމަށް ވަންޏާ. އަޅުގަނޑު ކަންބޮޑުވޭ ކްރިމިނަލް ކޯޓުގައި ނުރަސްމީ ގަޑީގައި މުވައްޒަފުން ނެރެގެން ދައުލަތުގެ އެހެން މުއައްސަސާތަކާ ގުޅިގެން އަޅުގަނޑުމެން މިކުރާ މުއްދަތު ޖަހައި ދިނުމާއި ބަންދު ކުރުމުގެ މަސައްކަތް އޮތީ ގާނޫނާ ޚިލާފަށް ތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ މި ޕްރޮސެސް ނުހިނގާ ކަމަށްވަންޏާ. މީ ކަންބޮޑުވާކަމެއް،" އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.

ރާއްޖޭގެ އެއްވެސް ކޯޓެއްގައި މުވައްޒަފުންނަށް ދޭނެ އިތުގަޑީގެ ފައިސާއެއް ނެތްއިރު އިތުރުގަޑީގައި މުވައްޒަފުން މަސައްކަތަށް ނެރޭނަމަ އިތުރުގަޑީގެ ފައިސާ ދިނުމަކީ ގާނޫނު ލާޒިމް ކުރާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ފައިސާ ނުދޭނަމަ މުވައްޒަފުން އިރުގަޑީގެ މަސައްކަތަށް ނެރެގެން ނުވާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން އިތުރުގަޑީގައި މުވައްޒަފުންނަށް އިތުގަޑީގެ މަސައްކަތް ނުކުރެވި ކޯޓުތަކުގެ މަސައްކަތް ލަސްވެގެންދާނެ ކަމަށް ވެސް އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.

"މި ހާލަތު ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގައި ވެސް އޮތީ. ސުޕްރީމް ކޯޓުގެ ހާލަތު އެންމެ ބޮޑަށް އަޅުގަނޑަށް އެނގެނީ. އަންނަ މަހުން ފެށިގެން ސުޕްރީމް ކޯޓުގެ އެއްވެސް މުވައްޒަފަކަށް އިތުރުގަޑީގަ ދޭނެ ފައިސާއެއް ނެތް. އަޅުގަނޑުމެން އިތުރުގަޑީގެ ފައިސާ ނުދޭކަމަށްވަންޏާ މުވައްޒަފުން ލައްވާ އިތުރުގަޑީގެ މަސައްކަތް ކުރުވައިގެން ނުވާނެކަމަށް ގާނޫނު ބުނަނީ. އިތުރު ގަޑީގައި ނެރެގެން މުވައްޒަފުންލައްވައި އެއްވެސް މަސައްކަތެއް ކުރާކަމަށް ވަންޏާ އިތުރުގަޑި ދޭންޖެހޭނެ ކަމަށް ގާނޫނު ލާޒިމް ކުރޭ.މިއަދުގެ ހާލަތަކީ އެއްވެސް ކޯޓެއްގެ މުވައްޒަފަކަށް އިތުރުގަޑި ދޭނެ ލާރި އަޅުގަނޑުމެން އަތަކު ނެތް. މިއަދު މިއީ މި މަހުގެ 31. އަންނަ މަހުން ފެށިގެން ޖުޑީޝަރީ ހިންގާނެ ގޮތަކާ މެދު އަޅުގަނޑުމެން އެބަޖެހޭ ފިކުރު ކުރަން،" އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކޮށްގެން ބަޖެޓް ދޫކުރެވެން ދެން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ހުއްޓާލެވޭކަށް ނެތްކަމަށާއި އެހެންކަމުން އެންމެ ކުޑަމިނުން ކޯޓުތަކުގެ މުވައްޒަފުންނަށް ބޭނުންވާ އިތުގަޑީގެ ފައިސާ ހަމަޖައްސައި ދިނުމަށް އެމަނިކުފާނު ވަނީ ފިނޭންސް މިނިސްޓަރަށް ގޮވާލައްވާފަ އެވެ.

"އަޅުގަނޑު މިފިޔަވަޅުގައި ހުރެ ފިނޭންސް މިނިސްޓަރަށް ގޮލާވަލަން މާދަމާ އިން ފެށިގެން ވެސް ކޯޓުތަކަށް ބޭނުންވާ އެންމެ ކުޑަމިނުން މުވައްޒަފުންނަށް ދޭންހުރި އިތުރުގަޑި ދޫކޮށްދިނުމަށް ނޫނީ އެކަން ހަމަޖައްސައި ދިނުމަށް. ވީހާވެސް އަހަކަށް. އަޅުގަނޑުމެންނަކަށް ނެތް މިހާރަކު ތިބެވޭކަށެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ބަޖެޓް ހޯއްދަވައިގެން ޖުޑީޝަރީއަށް ބޭނުންވާ މިންވަރަށް ބަޖެޓް ދޫކުރަން ދެން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ހުއްޓާލައިގެން ތިބެވޭކަށް ނެތް،" އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.