ދުނިޔޭގެ އެކި ގައުމުތަކުގައި ސިޔާސީ އިސްފަރާތްތަކާ ގުޅިގެން ބޮޑެތި ޖަރީމާތައް ހިންގުމުގެ އިތުރުން ޑްރަގްގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރެވޭ އަރްމީނިއާގެ ދެބެން ކަމަށްވާ އާތަރ ބްރަދާސް ރާއްޖޭގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.

އާތަރ ބްރަދަސް ރާއްޖެ އައިސް އުޅެނީ ކޮން ބޭނުމެއްގައި ކަމެއް އަދި ނޭނގުނަސް އެ މީހުން ރާއްޖޭގައި ހަރަކާތްތެރި ވަނީ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ގުޅިގެން ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.

އާތަރ ބްރަދާސްގެ ނަމުގައި އަރުމީނިޔާގައި ކުންފުންޏެއް ހިންގަމުން އަންނަ އަރްމީނިއާގެ އާތަރ ސަގަރްސިޔަން އާއި އާތަރ އާތަގް ސަގަރްސިޔަންއާ ބެހޭ ގޮތުން ބައިނަލްއަގުވާމީ މީޑީއާގައި ރިޕޯޓްކޮށްފައިވާ ހަބަރުތަކުން އެނގޭ ގޮތުގައި އެ ދެ ބެއިން ވަނީ ކެންޔާގައި އެގައުމުގެ ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާ ގުޅިގެން ޑްރަގް ޓްރެފިކިންގެ ބޮޑު ކަންތައް ގަނޑެއްގައި ބައިވެރިވެ، ކެންޔާގެ ނޫސްތަކުން އެކަން ރިޕޯޓް ކުރުމުން އެގައުމުން ފޮނުވާލާފަ އެވެ.

ކެންޔާގައި އެ ދެ މީހުން ހަރަކާތްތެރިވެފައި ވަނީ އެ ގައުމުގެ ފުލުހުންގެ އިސް އޮފިސަރުންނާ ގުޅިގެންނެވެ. އަދި އެ މީހުންނަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއްގައި އެގައުމަށް ގޮސް އުޅޭ ބައެއްގެ ގޮތުގައި ހަރަކާތްތެރިވީ، އެ ގައުމުގައި ހިފަހައްޓާފައި ހުރި ކޮކެއިންގެ ބޮޑު ޝިޕްމަންޓެއް ސަލާމަތް ކުރުމަށާއި ސަރުކާރުގެ ތެރޭގައި ހުރި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ހާމަވިޔަ ނުދީ ހުއްޓުވުމަށާއި ބައެއް ސިޔާސީ ލީޑަރުން އަވަހާރަކޮށްލުމަށް ކަމަށް، ކެންޔާގެ ނޫސްތަކުން 2006 ވަނަ އަހަރު ރިޕޯޓްކޮށްފައިވެ އެވެ.

ކެންޔާގައި އެމީހުން ފަޅާ އެރީ އެގައުމުގެ މަޝްހޫރު މީޑިއާ ގްރޫޕެއް ކަމަށްވާ ސްޓެންޑާޑް ގްރޫޕްގެ އޮފީސް ރެއިޑް ކުރުމުންނެވެ.

އެމީހުންނާ ކެންޔާ ސަރުކާރުގެ އިސް އޮފިޝަލުންނާ ގުޅިގެން މަސައްކަތް ކުރާކަން އޭރު ކެންޔާގައި ހުންނެވި އެމެރިކާގެ އެންވޯއީ ވިލިއަމް ބެލާމީ އެމެރިކާ ސަރުކާރަށް އެންގެވިކަން ވިސްލް ބްލޯވަރ ވިކިލީކްސް އިން ވެސް ވަނީ ހާމަކޮށްފަ އެވެ.

ކެންޔާގެ އޭރުގެ ސަރުކާރުން އެދެމީހުންގެ ތެރެއިން އެކަކަށް އެސިސްޓެންޓް ކަމިޝަނަރު އޮފް ޕޮލިސްގެ މަގާމު ވެސް ދިން ކަމަށް ވިކިލީކްސް އިން ހާމަކުރި މައުލޫމާތުން އެނގެ އެވެ.

"ހަތިޔާރު އެޅި ބޭރު ބަޔަކު ތިބުމުން ކެންޔާގެ ގިނަ ރައްޔިތުންތަކެއް ތިބީ ކަންބޮޑުވެފަ އެވެ،" ބެލާމީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓަށް ފޮނުއްވި ލިއުމުގައިވާ ކަމަށް ވިކިލީކްސްއިން ބުނެފައިވެ އެވެ.

ލިޔުމާ ގުޅޭ ވީޑިއޯ

http://www.youtube.com/watch?v=vdXxo5sYEoU