31 Mar 2013, 16:39
ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެ އިން ކަނޑައަޅާ ސަފީރު ކަމަށާއި އެކުވެރި ޢަރަބި ޢިމާރާތަށް ރާއްޖެ އިން ކަނޑައަޅާ ސަފީރުކަމަށް ޢައްޔަން ކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް ދެބޭފުޅެއްގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެ އިން ކަނޑައަޅާ ސަފީރު ކަމަށް ފޮނުއްވި ނަންފުޅަކީ، ގަލޮޅު ވައިޖެހޭގޭއާގޭ ޑރ. މުހައްމަދު އާސިމުގެ ނަންފުޅެވެ. ޑރ. އާސިމް ވަނީ މީގެ ކުރިން ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވައި ސްރީލަންކާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރުކަމުގެ މަޤާމާއި އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރުކަމުގެ މަޤާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެ އިން ކަނޑައަޅާ ސަފީރު ކަމަށް ހަމަޖެއްސުމަށް ފޮނުވާފައި ވަނީ ޕާކިސްތާނުގައި މިހާރު ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މާފަންނު އެމޭޒަން ޑރ. ޢާއިޝަތު ޝެހެނާޒް އާދަމްގެ ނަންފުޅެވެ.
އެ ދެ ބޭފުޅުންގެ ނަންފުޅު ހުށަހަޅުއްވައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި، އެ ދެ ބޭފުޅުން ސަފީރު ކަމަށް ހަމަޖެއްސެވުމާމެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދަވައިދެއްވައި، އަވަސް ފުރުސަތެއްގައި އެކަން އަންގަވައި ދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.