ސިފައިންގެ ޚިދުމަތާ އަލަށް ގުޅުނު މީހުން ތަމްރީން ކުރުމަށް ހިންގި 58 ވަނަ އަސާސީ ތަމްރީން ކޯހުގެ ޕާސިން އައުޓް ޕެރޭޑް ފުރިހަމަކޮށްފި އެވެ.

ސިފައިންގެ އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ ދާއިރާތަކުގައި މަސައްކަތްކުރާ ފެންވަރަށް ޢިލްމު އުގަންނައިދީ ތަމްރީނު ކުރުމަށް ހިންގާ ކޯހެކެވެ.

ކަޅުއްތުކަލާ ކޮށީ ހެވިކަމުގެ މައިދާނުގައި ރޭ ބޭއްވި އެ ރަސްމިއްޔާތުގައި ޑިފެންސް އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް އެޑިއުކޭޝަންގެ ފަރާތުން 15 ޑިސެމްބަރު 2012 އިން 30 މާޗް 2013 އަށް އެމްއެންޑީއެފް ސަދަން އޭރިއާ، ސ. ގަމުގައި ކުރިއަށްގެން ދިޔަ ތަމްރީން ކޯސް ފުރިހަމަކޮށް ކޯހުގެ މިންގަނޑަށް ފާސްވި ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.

ސިފައިންގެ ޚިދުމަތަށް އަސާސީ ފެންވަރަށް މީހުން ތަމްރީން ކުރުމަށް ހިންގި ކޯހުގައި ކިޔަވައިދީފައި ވަނީ ފިޒިކަލް ޓްރެއިނިން އާއި ސްވިމިން އާއި ޑްރިލްއާއި ވެޕަން ހޭންޑްލިން އާއި ފީލްޑްކްރާފްޓް އެންޑް ޓެކްޓިކްސްއާއި ފަސްޓް އެއިޑާއި ރެގިއުލޭޝަންސްގެ އިތުރުން، އެންވަޔަރަމެންޓަލް އެވެއާނެސް އާއި ޕަބްލިކް އޯޑާ ޓްރެއިނިން އެވެ. މީގެ އިތުރުން ވެސް ވެލިއުސް އެންޑް ކަސްޓަމްސް އާއި އެމްއެންޑީއެފް ހިސްޓްރީ އާއި ސިގްނަލް އާއި ކްލޯސްކުއާޓާ ކޮމްބެޓް، އަދި ސެކިއުރިޓީ އެވެއާނެސް ހިމެނެ އެވެ.

ސިފައިންގެ އަސާސީ ތަމްރީނަކީ، ސިފައިންގެ މީހަކަށްވުމަށް މަޖުބޫރު ކޯހެކެވެ. އަދި އެ ތަމްރީނަކީ ވަގުތާއި ހާލަތާ ގުޅޭ ގޮތަށް ވީއެންމެ ފުރިހަމައަށް އަދި ވަރަށްބޮޑު އިސްކަމެއް ދީގެން ސިފައިންގޭގައި ހިންގޭ ކޯހެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.