އެސްޓީއޯ 1 ވަނަ ޔުނިވާސިޓީ/ކޮލެޖް ބާސްކެޓް މުބާރާތުގެ ފިރިހެންޑިވިޝަންގެ ޗެމްޕިއަންކަން ގައުމީ ޔުނިވާސިޓީ އަދި އެމުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ވިލާ ކޮލެޖް ހޯދައިފިއެވެ.

ގައުމީ ޔުނިވާސިޓީގެގެ ޓީމު ޗެމްޕިއަންކަން ހޯދީ ފިރިހެންޑިވިޝަންގެ ފައިނަލުގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާ ވާދަކޮށް 66 ޕޮއިންޓް 95 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގައުމީ ޔުނިވާސިޓީގެ އަހްމަދު އައުޝަންއެވެ.

މުބާރާތުގެ އަންހެޑިވިޝަންގެ ޗެމްޕިއަންކަން ވިލާ ކޮލެޖުން ހޯދީ ގައުމީ ޔުނިވާސިޓީގެ ޓީމާ ވާދަކޮށް 55 ޕޮއިންޓް 75 ޕޮއިންޓުން ނެވެ. އަންހެން ޑިވިޝަންގެ ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވިލާ ކޮލެޖްގެ ފާތިމަތު ފައިރޫޒާއެވެ.

މުބާރާތުގެ ފިރިހެންޑިވިޝަންގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް މެޑެއްޔާއި ޓްރޮފީ ހަވާލުކޮށްދެއްވީ ހަޔަ އެޑިޔުކޭޝަން ކައުންސިލްގެ މެންބަރު ޑރ. އިބްރާހީމް ޙަސަން އެވެ. އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނާއި ރަނަރަޕް ޓީމަށް މެޑެއްޔާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެސްޓީއޯގެ ސޭލްސް އެންޑް މާކެޓިން، ހިޓާޗީ ބްރޭންޑްގެ މެނޭޖަރު އިބްރާހީމް ނަޖާހުއެވެ.

ޔުނިވާސިޓީ/ކޮލެޖް ބާސްކެޓް މުބާރާތުގެ ފިރިހެންޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ، ގައުމީ ޔުނިވާސިޓީގެ އަހްމަދު އައުޝަން އާއި، އަހްމަދު އަދްހަމް އާއި، ވިލާ އިންޓަނޭޝަނަލް ހައިސްކޫލްގެ އިބްރާހީމް ނަސީމްއާއި، އަހްމަދު އަޒްމީލް އަދި ވިލާ ކޮލެޖްގެ އަލީ ރުޒާމް އެވެ.

އެމުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ވިލާ ކޮލެޖްގެ ފާތިމަތު ފައިރޫޒާ އާދަމް، ފާތިމަތު ޝަހުލާ ނާޝިދުއާއި، ގައުމީ ޔުނިވާސިޓީގެ މަރިޔަމް ރައުދާ ރިޔާޒުއާއި ފާތިމަތު މަޒްނާ އަދި، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ އައިޝަތު އަނާން އަނީލްއެވެ.

ގައުމީ ޔުނިވާސިޓީއާއި ވިލާ ކޮލެޖްގެ އިތުރުން އެމުބާރާތުގައި ބައިވެރިވީ ވިލާ އިންޓަނޭޝަނަލް ހައިސްކޫލާއި، ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަންގެ ޓީމެވެ.