31 Mar 2013, 13:40
ބައިނަލްއަގްވާމީ ފެންވަރުގައި މުޖުތަމައުގެ ހާލަތު ތަރައްގީކޮށް ރަނގަޅުކުރުމަށް ޓަކައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމުގައިވާ ރޮޓަރީ އިންޓަނޭޝަނަލްގެ ކުލަބެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފައްދައިފި އެވެ.
"ރޮޓަރީ ކުލަބް އޮފް މާލެ" ނަމުގައި 6 ޑިސެމްބަރު 2012ގައި ދާހީލީ ވުޒާރާގައި ރަޖިސްޓަރީ ކުރި ކުލަބު "ރޮޓަރީ އިންޓަނޭޝަނަލް"ގެ ދަށުން ޗާޓާ ކުރެވުނީ 11 ފެބްރުއަރީ 2013ގަ އެވެ. "ރޮޓަރީ ކުލަބް އޮފް މާލެ"ގެ ރައީސަކީ އަހްމަދު ވަޖީހު އެވެ. އަދި ފައުންޑޭޝަން ކޮމިޓީގެ ޗެއާމަންއަކީ އާތިފު ޝަކޫރު އެވެ.
ރޮޓަރީ ކުލަބް އޮފް މާލެ އާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ޓްރޭޑާސް ހޮޓެލްގައި ބޭއްވި ބައްދަލުވުމެއްގައި ރޮޓަރީ އިންޓަނޭޝަނަލްގެ ޕްރެޒިޑެންޓް މރ. ސަކުޖިތުތަނަކާ ވިދާޅުވީ އެ ޖަމިއްޔާގެ މައިގަނޑު މަގްސަދުތަކަކީ ދުނިޔޭގައި ސުލްހަމަސައްލަސްކަން ގާއިމުކުރުމާއި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދީ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތްކުރުން ކަމަށެވެ.
"ރޮޓޭރިއަނުން" (ރޮޓަރީ ޖަމިއްޔާގެ މެންބަރުން) ކުރާ މަސައްކަތްތަކުގެ ތެރޭގައި ތަފާތު މުޖްތަމައުތަކުގައި ތަފާތު ފަރާތްތަކަށް އެފަރާތްތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. އެގޮތުން، ބައިނަލްއަގްވާމީ ޖަމިއްޔާއެއްގެ ގޮތުން އެންމެ އިސްކަމެއްދީގެން އެޖަމިއްޔާ އިން ކުރަމުން ގެންދާ މަސައްކަތަކީ ދުނިޔެ އިން ޕޯލިޔޯ ނައްތައިލުން ކަމަށް ސަކުޖިތު ތަނަކާ ވިދާޅުވި އެވެ. އެގޮތުން 1998 ވަނަ އަހަރުން ފެށިގެން ދުނިޔޭގައި ޕޯލިއޯ ނައްތައިލުމަށް މަސައްކަތްކުރާ އެކިއެކި ޖަމާއަތްތަކާ ގުޅިގެން ދުނިޔެ އިން ޕޯލިއޯ ނައްތައިލުމުގައި ބޮޑު ކުރިއެރުމެއް ހޯދާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޮޓަރީ ކުލަބް އޮފް މާލޭގެ ޕްރެޒިޑެންޓް އަހުމަދު ވަޖީހު ވިދާޅުވި ގޮތުގައި ރޮޓަރީ ކުލަބެއް ރާއްޖޭގައި އުފެދުމުގެ ސަބަބުން ރާއްޖެ އަށް އެއިން ވަރަށްބޮޑު ފައިދާތަކެއް ކުރާނެ އެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުންނާއި މުޖްތަމައުއަށް ވަރަށްގިނަ ފައިދާތަކެއް ފޯރުކޮށްދިނުމުގެ ފުރުސަތު ކުޅުވިގެންދާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން އެ ޖަމިއްޔާ އިން ރާއްޖޭގައި ހިދުމަތްކުރުމަށް ފާހަގަކޮށްފައިވާ ފަސް ދާއިރާއެއްގެ ތެރެއިން މިއަހަރު ތެރޭގައި ހަތަރު ދާއިރާއެއް ފާހަހަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އާބާދީގެ ތެރޭގައި އެކުވެރިކަމާއި އެއްބާރުލުމާއި އަހުވަންތަކަން ގާއިމުކޮށް ސުލްހަ މަސަލަސްކަންމަތީ ދިރިއުޅެވޭނޭ ފަދަ ވަސީލަތްތައް ގާއިމު ކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވެ ދިނުމާއި ރާއްޖޭގެ އެކިއެކި ރަށްރަށަށް ބޯފެނުގެ ހިދުމަތް ފޯރުކޮށްދިނުމާއި ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމުގެ ގޮތުން އެކިއެކި ފަންނުތަކުން މީހުން ތަމްރީނުކޮށްދިނުން ހިމެނޭކަމަށް ވަޖީހު ވިދާޅުވި އެވެ.
ރޮޓަރީ ކުލަބުގެ ފައުންޑޭޝަން ކޮމިޓީގެ ޗެއާމަންއަކީ އާތިފު ޝަކޫރު ވިދާޅުވީ އިމާދުއްދީނު ސްކޫލްގައި ހިންގާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކްލާސްތަކަށް އެޑިއުކޭޝަނަލް މެޓީރިއަލްސް އާއި އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޖަމާއަތުން ނިންމާފައިވާ ކަމަށެވެ. އެ ސްލޫލަށް ތެރަޕީ ރޫމަކާއި ފުލްޓައިމް ތެރަޕިސްޓެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި އޭގެ އިތުރުން މިހާރު ވެސް އެ ކުލަބާއި އޮސްޓްރޭލިޔާގައި ހަރަކާތްތެރިވާ ރޮޓަރީ ކުލަބަކާއި ގުޅިގެން ރާއްޖޭގައި 35000 ޑޮލަރުގެ ފެނުގެ މަޝްރޫޢުއެއް ހިންގުމަށް ވަނީ ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ޗިކާގޯގައި 1905 ވަނަ އަހަރު އުފެދުނު ރޮޓަރީ އިންޓަނޭޝަނަލްގެ ބާނީއަކީ ޕޯލް ހެރިސްއެވެ. މީގެ 100 އަހަރު ކުރިން އުފެއްދި، ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާގައި ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމުން 1.2 މިލިޔަން މެންބަރުން އެބަތިއްބެވެ. އެގޮތުން ރާއްޖެއަކީ އެ ޖަމިއްޔާގެ ހަރަކާތްތައް ފެށި 207ވަނަ ގައުމެވެ.