31 Mar 2013, 13:28
ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) ހިންގާ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ކޯޕަރޭޝަންގެ ޗީފް އޮޕަރޭޓިން އޮފިސަރު އަދި ޓީވީއެމްގެ އެއް ތަނބު، މުހައްމަދު އާސިފް (މޮންދު) ޓީވީއެމް އިން ވަކިވެވަޑައިގެންފި އެވެ.
މޮންދު ސަން އަށް ވިދާޅުވީ 23 އަހަރަށް ފަހު އޭނާ ޓީވީއެމް ދޫކޮށްލެއްވީ އަމިއްލަ ދިރިއުޅުން ތަރައްގީކުރައްވަން ބޭނުންވާތީ ކަމަށެވެ. އަދި މިވަގުތު އެމްބީސީގައި ހުންނަ އިރު ޓީވީ އަށް އެކަށީގެންވާ ވަގުތު ނުދެވޭތީ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އޭނާ މަސައްކަތް ކުރައްވާނީ ބްރޯޑްކާސްޓިން ދާއިރާގައި ކަމަށެވެ. އަދި ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުމުގައި ރަސްމީ ވަޒީފާ ނޫން ނަމަވެސް ދެމިހުންނަވާނެ ކަމަށެވެ.
"ކެރިއާގައި އަޅުގަނޑު ދެމި ހުންނާނަން ކޮންމެ ވެސް ގޮތަކުން. އެހެންނަމަވެސް އަޅުގަނޑު މިވަގުތު ދިރިއުޅުމުގައި ބައެއް ކަހަލަ ކަންކަން ފަހި ކުރުމުގެ ނިޔަތުގައި އެއަށް ވުރެ ރަނގަޅު ގޮތެއް ހޯދާލުމަށް، [މިގޮތަށް މި ނިންމީ،] މޮންދު ވިދާޅުވި އެވެ.
އެހެން ޗެނަލަކުން ފެނިވަޑައިގަންނަވާތޯ ދެންނެވެމުން މުންދު ވިދާޅުވީ ރަނގަޅު ގޮތްތަކެއް ހުށަހަޅުއްވާ ފަރާތަކާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ސިޔާސީ ނޫން ކޮންމެ ދާއިރާއަކުން ވެސް ފެނިދާނެ ކަމަށް މުންދު ވިދާޅުވި އެވެ. ނަމަވެސް އަދި ގުޅިވަޑައިގަންނަވާނެ ވަކި ތަނެއް ނުނިންމަވާ ކަމަށް މޮންދު ވިދާޅުވި އެވެ.
މޮންދު ވިދާޅުވީ އޭނާ ޓީވީއެމުން ނުކުންނަނީ ވަކި ބަޔަކާ ދޭތެރޭ ހިތްހަމަނުޖެހިގެން ޝަކުވާތަކެއް ހުށަހަޅާފައި ނޫން ކަމަށެވެ. އަދި އެގޮތަށް ނިންމެވީ މުންދުއަށް ރަނގަޅު ކުރެވެން ހުރި ބައެއް ކަންކަން ރަނގަޅު ނުކުރެވުނީމަ ކަމަށެވެ.
ޓީވީއެމްގެ ޚިދުމަތުގައި މަސައްކަތް ކުރި ދިގު މާޒީގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ މުވައްޒަފުންނާ ގުޅިގެން އެންމެ ރަނގަޅު ޗެނަލްގެ ގޮތުގައި ދެމެހެއްޓުން ކަމަށާއި އަދިވެސް ޓީވީއެމް އޮތީ އެގޮތުގައި ކަމަށް މުންދު ވިދާޅުވި އެވެ. މުންދު ވިދާޅުވި ގޮތުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ވަރަށް ގިނަ ގޮތް ގޮތް ކުރިމަތިވަމުންދިޔަ އިރު ވެސް ދެމިހުންނެވީ ހަމަ އެގޮތުގައި ކަމަށެވެ.
މޮންދު ވިދާޅުވީ އެމްއެންބީސީގެ ޗެނަލްތައް ގާނޫނެއްގެ ދަށުން ބަރުލިބިގެން ހިންގާއިރު ކުރިމަތިވާ ގޮންޖެހުންތަކާ މަލީ ދަތިކަން އެއީ ގޮންޖެހުންތަކެއް ކަމެއްގައި ދެކިގެން ކުރިއަކަށް ނުދެވޭނެ ކަމަށެވެ.
އަދި މިއަދު ޓީވީއެމްއަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ ބޭނުންވާ ވަސީލަތްތައް ނެތުމާއި ބޭނުންކުރާ ތަކެތި ބާވެ ގިނަ ދުވަސް ވުމުގެ އިތުރުން މުވައްޒަފުން ތަމްރީނުވެފައި ނެތުން ކަމުގައި މުންދު ފާހަގަ ކުރެއްވި އެވެ. އަދި އެގޮންޖެހުންތަކާ އެކު ކުރިއަށްދާ އިރު ފައިސާ ނެތޭ ކިޔާފައި ތިބެވޭކަށް ނެތް ކަމަށާއި ފައިސާ ހޯދޭނެ ގޮތްތައް ވެސް އެބަހުރި ކަމަށާއި އެކަމަށް އެކަށީގެންވާ މަސައްކަތްކޮށް ތަން ތަރައްގީ ކުރަންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
ޓީވީއެމްއާ 23 އަހަރު ހޭދަކުރުމަށް ފަހު މިގެނައި ބަދަލަކީ މިހާރު އެތަނުގައި މުންދުގެ ދަށުން މަސައްކަތްކުރާ މީހުންނަށް ދެވުނު ފުރުސަތެއް ކަމަށް މުންދު ދެކެ އެވެ. އަދި މުންދު ޓީވީއެމް ދޫކޮށް ދިއުމުން އެތަނަށް ގެއްލުމެއްނުވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މުންދުގެ ޚިދުމަތް އެހެންފަރާތްތަކަށް ދިނުމަކީ އެއީ ގައުމަށް ދެވޭ ޚިދުމަތެއް ކަމަށެވެ.
މޮންދު ޓީވީއެމުން ވަކިވެވަޑައިގަތުމަށް ސިޓީލައްވާފައި ވަނީ މިއަދު އެވެ.