31 Mar 2013, 13:07
ގދ. ތިނަދޫ ތިން ސްކޫލެއްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބަޔަކާ ހަވާލުކުރުމުގައި ވަކިފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައި ދީފައިވާ ކަމަށް ބެލެވޭތީ ފަސް ބޭފުޅެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓިކޮރަޕްޝަން ކޮމިޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ ގދ. ތިނަދޫ ސްކޫލާއި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން އެރަށު އަބޫބަކުރު ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބަޔަކާއި ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ.
އެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދިފައި ވަނީ މަތިދެކުނު ސަރަހައްދުގެ ގައުމީ އިދާރާގެ އެޑިއުކޭޝަން ޔުނިޓްގެ ސުޕްރިންޓެންޑެންޓް ޖާދުﷲ ހުސައިން ތައުފީގު އާއި ގދ. ތިނަދޫ ނާރެސް އާދަމް ޝަރީފު އާއި އެރަށު ދެވިނަގޭ ނާސިރު އަހްމަދު އާއި ހަވާނާ އަހްމަދު ނާޝިދުގެ އިތުރުން ރަދީފް ސިނާން ހަސަންގެ މައްޗަށެވެ.
އެ ތިން ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އެޑިއުކޭޝަން ޔުނިޓުން އިއުލާން ކޮށްފައި ވަނީ 2011 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު އެވެ. އެ އިއުލާނާ ގުޅިގެން ބީލަން ހުށަހެޅި ފަރާތަށް އެކަން ކާމިޔަބުވެފައި ވަނީ އެފަރާތުން ހުށަހެޅި ބިޑަކީ މަސައްކަތަށް އެކަށީގެން ނުވާ ދަށް އަގެއްގެ ބިޑެއްކަމަށް ބަލައި އެ ބިޑް އެވޯޑު ނުކުރުމަށް އިވެލުއޭޝަން ކޮމެޓީން ނިންމުމަށްފަހު، ފަހުން އެ ބީލަން ބިޑު އިވެލުއޭޝަންގައި ހިމެނުމުގެ ސަބަބުން ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.
ތަޖުރިބާގެ ބަޔަށް މާކްސް ދިނުމުގައި ވެސް އެއްވެސް އިންސާފުވެރިކަމެއް ގެންގުޅެފައި ނުވާކަމަށާއި އަދި ބީލަން ކާމިޔާބުކުރި ފަރާތުން ހުށަހަޅާފައިވާ މަސައްކަތުގެ މުއްދަތު އެނގެން ނެތް ލިޔުމަކަށް ވެސް އަންދާޒާ މުއްދަތަކަށް ބަލައި ތަޖުރިބާގެ ބައިން މާކްސް ދީފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.
".... އެއް އުސޫލަކުން މާކްސް ދޭނަމަ ތަޖުރިބާގެ ކެޓަގަރީން ފުރިހަމަ 10 މާކްސް ލިބި، މުޅި އިވެލުއޭޝަނުން އެންމެ މަތިން މާކްސް ލިބިގެން ބީލަން ކާމިޔާބު ވާނީ ބީލަން މިހާރު ކާމިޔާބުކޮށްފައިވާ ފަރާތް ނޫން އެހެން ފަރާތެއްކަން ތަހުގީގަށް ސާބިތުވެފައި ވާތީ އާއި، އިސްވެ ބަޔާންވެދިޔަ ފަދައިން އިވެލުއޭޝަން ކޮމެޓީން އަމަލުކޮށްފައި ވަނީ ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދުނުމުގެ ގޮތުން ކަން ތަހުގީގަށް ފާހަގަ ކުރެވޭތީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމާ ބެހޭ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ ދަށުން އިވެލުއޭޝަން ކޮމެޓީގެ މެންބަރުން ކަމަށްވާ ގދ. ތިނަދޫ ނާރެސް އާދަމް ޝަރީފް އާއި ގދ. ތިނަދޫ ދެވިނަގޭ ނާސިރު އަހްމަދު އާއި ދަފްތަރު ނަންބަރު 3024 މާލެ ޖާދުﷲ ހުސައިން ތައުފީގު އާއި ގދ. ތިނަދޫ ހަވާނާ އަހްމަދު ނާޝިދު އާއި ގދ. ތިނަދޫ ރަދީފް ސިނާން ހަސަން ގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފަ އެވެ،" އޭސީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.