މާލޭގެ ބާޒާރުގައި ކެރެޓްގެ އަގު ދަށަށް ދާން ފަށައިފި އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ބާޒާރުގައި 80ރ. އާއި ހަމައަށް ކިލޯއެއް ވިއްކި ކެރެޓްގެ އަގު މިހާރު ވަނީ ބާޒާރުގައި 25ރ. އާއި 20ރ. އާއި ދޭތެރޭ އަގަކަށް ވެއްޓިފަ އެވެ. ރަށުތެރޭ ފިހާރަތަކުގައި އާންމު ގޮތެއްގައި ކެރެޓް ކިލޯއެއްގެ އަގު ހުރީ 27ރ. އާއި 29ރ. ދޭތެރޭ އަގުތަކެއްގަ އެވެ.

ރާއްޖެ އަށް ތަރުކާރީ އެތެރެކުރާ ބައެއް ފަރާތްތަކާ ވާހަކަ ދައްކާލުމުން އެފަރާތްތަކުން ބުނީ ދާދިފަހުން ކެރެޓްގެ އަގު މާބޮޑަށް އަރައިގެން ދިޔައީ ރާއްޖެ އަށް ކެރެޓް އެތެރެކުރާ ބޯޓްތައް އައުން ލަސްވުމާ ގުޅިގެން ކަމަށެވެ. އަދި މިހާރު ކޮންމެވެސް ވަރަކަށް ކެރެޓް ލިބެމުންދާ ކަމަށެވެ.

"ރާއްޖޭގެ އާންމު ބާޒާރަށާއި ރިސޯޓްތަކަށް ބަލާ އިރު އަދިވެސް އެންމެ ބޭނުންވާ ވަރަށް ކެރެޓް އެތެރެއެއް ނުކުރެވޭ، ނަމަވެސް މިހާރު ކެރެޓް އެބަލިބޭ،" ކެރެޓް އެތެރެކުރާ ފަރާތަކުން ސަން އާ ވާހަކަ ދައްކަމުން ބުންޏެވެ.

ކެރެޓް އެތެރެކުރާ ފަރާތްތަކުންނާއި ބާޒާރުމަތީ ފިހާރަތަކުން ބުނީ ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ކެރެޓުގެ އަގު ކުރިން ހުރި އަގަށް ވެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އާންމުކޮށް ބާޒާރުގައި ކެރެޓް ވިއްކާފައި ވަނީ 10ރ. އާއި 12ރ. ދޭތެރޭ އަގުތަކެއްގަ އެވެ.