31 Mar 2013, 12:20
އެސްޓީއޯ އިން މާލޭ އިންޓަނޭޝަލް އެއާޕޯޓް (އެމްއޭސީއެލް) އަށް ތެޔޮ ފޯރުކޮށްދިނުމަށް 136 މިލިއަން ޑޮލަރު (2097.12 މިލިއަން ރުފިޔާ)ގެ އެގްރިމެންޓެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި އެސްޓީއޯގެ ފަރާތުން އެ އެގްރިމެންޓުގައި ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑރ. އިބްރާހިމް މަހުފޫޒު އެވެ.
އެގްރިމެންތުގައި ސޮއިކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ ވިދާޅުވީ އެ އެގްރިމެންޓްއަކީ މިއަދުން ފެށިގެން އެއް އަހަރު ދުވަހަށް އެމްއޭސީއެލް އަށް ޖެޓް ފިއުލް ސަޕުލައި ކުރުމަށް ވެވުނު އެއްބަސް ވުމެއް ކަމަށެވެ. އަދި އެ އެގްރިމެންޓަކީ 136 މިލިއަން ޑޮލަރުގެ އެގްރިމެންޓެއް ކަމަށާއި އެ އެގްރިމެންޓަކީ އެސްޓީއޯ އަށް ވަރަށް މުހިންމު އެގްރިމެންޓެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ޖެޓް ފިއުލް ކޮންޓުރެކްޓަކީ އެސްޓިއޯ އަށް ވަރަށް މުހިންމު ކޮންޓުރެކްޓެއް. އާންމުކޮށް އެސްޓީއޯ އަށް ވަރަށް ބޮޑު އަދަދަދަށް ބޭރު ފައިސާ ބޭނުންވޭ ރާއްޖެ އިން ބޭރުން އިމްޕޯޓްކުރާ މުދަލަށް. އެ މުދަލަށް ފައިސާ ދެއްކުމަށް އަޅުގަނޑުމެނަށް ބޭނުން ވަނީ ބޭރުފައިސާ، އެހެންކަމުން ދިވެހި ފައިސާ ބޭރު ފައިސާ އަށް ކޮންވާޓްކުރުމަށް މިއެގްރިމެންޓުން އެހީވޭ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެ އެގްރިމެންޓްގެ ދަށުން އެމްއޭސީއެލް އަށް އެއް މިލިއަން ފީފާގެ ޖެޓްފިއުލް އެއް އަހަރު ދުވަހުގެ ތެރެގައި ސަޕްލައި ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޑރ. މަހުފޫޒު ވިދާޅުވީ އެ ކުންފުއްޏަށް ތެޔޮ ސަޕުލައިކުރުމަށް އިއުލާން ކުރުމަށް ތިން ފަރާތަކުން ކުރިމަތިލި ކަމަށާއި އެ މަސައްކަތް އެސްޓީއޯއާ ހަވާލުކުރީ އެސްޓީއޯގެ ތަޖުރިބާއާއި ވޭތުވެދިޔަ ތަނުގައި އެހިދުމަތް ދީފައިވާ ގޮތަށް ބަލާފައި ކަމަށެވެ.