31 Mar 2013, 12:05
މިދިޔަ އަހަރަކީ އެކި ގޮތްގޮތުން މަރުވި މީހުންނާއި ގަސްތުގައި މަރާލި މީހުންގެ އަދަދު އިތުރު ވެގެން ދިޔަ އަހަރެއް ކަމަށް ފުލުހުން ބުނެފި އެވެ.
ކުށުގެ ތަފާސް ހިސާބާ ގުޅޭ ގޮތުން ފުލުހުން އެކުލަވާލާއި މިއަދު އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ މުޅި ގައުމަށް ސިހުން ލިބިގެން ދިޔަ ގަސްތުގައި މީހުން މެރުމުގެ ހާދިސާތައް ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން މަޝްހޫރު ގާނޫނީ ވަކީލަކު ދުރާލާ ރާވައިގެން މަރާލި ހާދިސާ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަރާލި ހާދިސާ އާއި ޑިއުޓީ އަށް ދިޔަ މަގުމަތީގައި ފުލުހަކު މަރާލި ހާދިސާ އެ ފޮތުގައި ފާހަގަ ކޮށްފައިވެ އެވެ. އެފޮތުގައި ބުނެފައި ވަނީ މިއީ ފުލުހުންގެ 80 އަހަރުގެ ދިގު މާޒީގައި ފުލުހަކު މަރާލި ފުރަތަމަ ފަހަރު ކަމަށެވެ. އެ ތިން މަރުގެ އިތުރުން ވެސް ގަސްތުގައި މަރާލި އެހެން މަރުތައް ވެސް ފާހަގަ ކޮށްފައިވެ އެވެ.
ފުލުހުން އާންމުކޮށްފައިވާ 2012 އަހަރާއި 2011 އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ގަސްތުގައި މީހުން މެރުމުގެ 10 ހާދިސާއެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެ އެވެ. ދެހާސް އެގާރަ ވަނަ އަހަރު ހުށަހަޅާފައި ވަނީ އެބާވަތުގެ ތިން މައްސަލަ އެވެ.
ގަސްތުގައި މީހުންގެ މެރުމުގެ އަށް މައްސަލައެއް މިދިޔަ އަހަރު ވަނީ ޕީޖީއަށް ފޮނުވައިފަ އެވެ. އަދި އެހެނިހެން އިތުރު ދެ މައްސަލައެއް ވެސް ވަނީ ޕީޖީ އަށް ފޮނުވައިފަ އެވެ.
މިދިޔަ އަހަރު އެކިއެކި ހާދިސާތަކުގައި 63 މަރެއް ރިޕޯޓުކޮށްފައިވެ އެވެ. އޭގެތެރޭގައި ޑައިވިން އާއި އެކްސިޑެންޓްތަކުގައި މީހުން މަރުވުމާއި އަމިއްލަ އަށް މަރުވުމާއި އެކްސިޑެންޓްތަކުގައި މަރުވުމާއި ތަންތަނުން ވެއްޓި މަރުވުމާއި ގެނބިގެން މަރުވުން ހިމެނެ އެވެ.
މިދިޔަ އަހަރު ހުށަހެޅި މަރުގެ މައްސަލަތަކުގެ ތެރެއިން 2011 ވަނަ އަހަރެކޭ އެއްފަދައިން މިދިޔަ އަހަރު ވެސް ކުދަކުދިން ވިހާފައި މަރާލުމުގެ ދެ ހާދިސާއެއް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި އެބޯޓުކޮށްލުމުގެ ހަ މައްސަލަ އެއް ވެސް މިދިޔަ އަހަރު ވަނީ ރިޕޯޓުކޮށްފަ އެވެ. 2011 ވަނަ އަހަރު އެ އަދަދު އުޅެނީ 13 ގަ އެވެ. 2012 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ނުވަ މީހަކު މަރުވި މައްސަލައާއި ޑައިވިންއަށް ގޮސް އުޅެނިކޮށް ތިން މީހަކު މަރުވި މައްސަލައެއް ހުށަހަޅާފައި ވެއެވެ.