31 Mar 2013, 11:57
ޓެންޒޭނިއާގެ ވެރިރަށް ދާރުއްސަލާމްގައި ހުރި 12 ފަންގިފިލާގެ އިމާރާތެއް ވެއްޓި މަދުވެގެން 17 މީހުން މަރުވެއްޖެ އެވެ.
ޓެންޒޭނިއާގެ ވެރިރަށް ދާރުއްސަލާމްގެ ކަރިއާކޯ ޑިސްޓްރިކްޓްގެ މިސްކިތެއްގެ ކައިރީގައި ހުރި، އިމާރާތްކުރުމުގެ މަސައްކަތް އަދި މުޅިން ނުނިމޭ އިމާރާތް ވެއްޓުނީ ހުކުރު ދުވަހު ހެނދުނު ކަމަށެވެ.
ދާރުއްސަލާމްގެ ރީޖަނަލް ކޮމިޝަނަރު މެކް ސެޑިކްއާ ހަވާލާދީ އަލްޖަޒީރާ ބުނީ ވެއްޓުނު އިމާރާތުގައި ތިބި މީހުންގެ ތެރެއިން 18 މީހުން ސަލާމަތްވި ކަމަށާއި މަރުނުވެ ތިބި އިތުރުމީހުން އިމާރާތުގެ ދަށުގައި ތާށިވެފައި ތިބިތޯ ބަލަމުން އަންނަ ކަމަށެވެ.
"އިމާރާތް ވެއްޓުނު ހާދިސާއިން 18 މީހުން ސަލާމަތްވި، މަރުނުވެ ތިބި އިތުރުމީހުން ތިބިތޯ ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް،" މެކް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ މީހުން ހޯދުމުގެ މަސައްކަތް ރޭގަނޑުވެސް ކުރިއަށް ދިއަ ކަމަށާ އިމާރާތުގައި ތިބި އެންމެންނަށް ވީ ގޮތެއް އޮޅުން ފިލަންދެން މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
"ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައް އަދިވެސް އެބަހުރި، ނަގަން ޖެހޭ، ހަލާކުވެފައިވާ ވަރަށް ގިނަ ބައިތައް އަދި ވެސް އެބަހުރި،" އޭނާ އަދި ވިދާޅުވެފައިވެ އެވެ.
އިމާރާތް ވެއްޓުނު ސަރަހައްދަށް ޒިޔާރަތްކުރެއްވުމަށް ފަހު ޓެންޒޭނިއާގެ ރައީސް ޖަކާޔާ ކިކްވެޓް ހުކުރު ދުވަހު ގޮވާލައްވާފައި ވަނީ އެކަމުގައި ޒިންމާ އުފުލަން ޖެހޭ ހުރިހާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ.