18 Oct 2010, 07:30
ރައްޔިތުން މަޖިލީހުން ވަޒީރުންނަށް ވޯޓު ދޭން ޖެހޭނީ ގަނޑުކޮށް ކަމަށް އެމްޑީޕީން ބުނުމަކީ ވަރަށް ވެސް ތަސައްރަފު ނުފުދޭ ބުނުމެއްކަމަށް ޑީއާރުޕީގެ ނައިބު ލީޑަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
"އެންމެ ފުރަތަމަ ވެސް ވަޒީރުންނަށް ރުހުން ދިނީ ކޮމެޓީން ކޮންމެ ވަޒީރެއްގެ ފެންވަރާއި ޝަރުތު ހަމަވޭތޯ ބެލުމަށް ފަހު. މަޖިލީހުން ރުހުން ދިނީ ކޮމެޓީން ނިންމާފައިވާ ނިންމުމަށް." ރައީސް ނަޝީދުގެ ކެބިނެޓަށް ފުރަތަމަ ރުހުންދިން ގޮތާ މެދު ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވި އެވެ. "ވަޒީރުންނަށް ރުހުން ދޭން ޖެހޭނީ ވަކިވަކިން ކަމަށް އެމްޑީޕީން އެ ދައްކާ ވަހަކައަކީ ތަސައްރަފު ނުފުރޭ މީހުން ދައްކާކަހަލަ ވާހަކަތަކެއް."
އެމްޑީޕީން އިއްޔަ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކަށް މެޖޯރިޓީ އޮތް ކަމަށް ބުނެ، ސަރުކާރަށް ދަތިކުރުމުގެ ބޭނުމުގައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
‹ވަޒީރުންނަށް ރުހުން ދޭން ޖެހޭނީ ވަކިވަކިން ކަމަށް އެމްޑީޕީން އެ ދައްކާ ވަހަކައަކީ ތަސައްރަފު ނުފުރޭ މީހުން ދައްކާކަހަލަ ވާހަކަތަކެއް›
އެކަމަށް ރައްދު ދެއްވަމުން ޝަރީފް ސުވާލުކުރެއްވީ އިދިކޮޅު ޕާޓީއެއް އޮންނަނީ ކީއްކުރަންތޯ އެވެ.
"ސަރުކާރު ޒިންމާދާރު ކުރުމާއި ހަމަ މަގަށް އެޅުވުމަށް މަޖިލީސް ތެރެއިން ކުރަމުންދާ މަސައްކަތްތަކަކީ ސަރުކާރަށް ފިއްތުމަށް ކުރާ މަސައްކަތެކޭ ބުނުމަކީ ވަރަށް ވިޔާނުދާ ބުނުމެއް. ރައްޔިތުންގެ ހައްގުތަކަށް ބުރޫ އަރާނެ ގޮތަށް ސަރުކާރުގެ އަމަލުތައް ހުންނާތީ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ސަރުކާރު ހަމަމަގަށް އެޅުވުމަށް."
އެމްޑީޕީން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ އެކުލަވާލެވުނު ވަޒީރުންގެ މަޖިލީހަށް ރުހުން ދީފައި ވަނީ ޖުމްލަކޮށް ކަމަށާއި، ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގައި ވަކިވަކިން ވޯޓަށް އެހުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އެމްޑީޕީން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މަޖިލީހުން މިހާތަނަށް އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ޤާނޫނު އަސާސީ އެކުލަވާލަމުން ދިޔައިރު ވަޒީރުންނަށް ރުހުން ދޭން ޖެހޭނީ ޖުމްލަކޮށް ކަމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޔައުމިއްޔާ ތަކުން އެނގެން އޮތްކަމަށެވެ.
ސަރުކާރުން ވަޒީރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބަޔާންކުރާ ގޮތަށް އަމަލު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސުޕްރީމް ކޯޓަށް އިއްޔެ ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި ވަނީ ވަޒީރުންނަށް ރުހުން ދޭން ޖެހޭނީ ވަކިވަކިން ކަމަށެވެ.