31 Mar 2013, 10:48
އެމްޕީއެލް އިން ހުޅުމާލެއަށާއި ތިލަފުއްޓަށް ލޭންޑިން ކުރާފްޓްގެ ޝެޑިއުލް ދަތުރުތަކެއް ފަށައިފި އެވެ.
މާލޭ ކޮމާޝަލް ހާބާގައި މިއަދު ބޭއްވި ހަލްފާއެއްގައި ކޮޅުވެއްޓިއެއްގައި މުދާގެންދިއުމުގެ ހިދުމަތް ފައްޓަވައިދެއްވީ އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެވެ.
އެ ހިދުމަތް ފައްޓަވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ އިގްތިސާދެއް ކުރިއެރުމަށް ޓަކައި އެއް ތަނުން އަނެއް ތަނަށް ފަސޭހަކަމާ އެކު މުދަލާއި މީހުން ދަތުރުކުރުމުގެ ފުރުސަތު އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އެމްޕީއެލް އިން ހުޅުމާލެ އަށާއި ތިލަފުއްޓަށް ލޭންޑިން ކުރާފްޓްގެ ޝެޑިއުލް ދަތުރުތައް ކުރާއިރު އޭގެ ފައިދާ ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުނަށް ކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މިފަދަ ހިދުމަތެއް ދިނުމަށް އެމްޕީއެލް އިން އިސްނެންގެވީތީ އަޅުގަނޑު އުފާކުރަން. މާލެ ކައިރި ރަށްރަށަށް މިހާރު މިހިދުމަތް ލިބޭ އަގަށް ވުރެ ހެޔޮއަގެއްގައި މިހިދުމަތް ދިނުމަށް ރާވާފައިވާތީ އަޅުގަނޑު އުފާކުރަން،" ނާޒިމް ވިދާޅުވި އެވެ.
މިނިސްޓު ނާޒިމް އިތުރަށް ވިދާޅުވީ ޓްރާސްޕޯޓާ ގުޅޭ އިތުރު ހިދުމަތްތަކެއް ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެގޮތުން ބަންކަރިންގެ ހިދުމަތާއި ޝިޕިންލައިނެއްގެ ހިދުމަތްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ މަސައްކަތުގެ މާހައުލުގައި ސިޔާސީ ވިސްނުން ކުރިއަށް ނުނެރި ގައުމަށްޓަކައި މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ.
އެހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހަންމަދު ލަތީފު ވިދާޅުވީ އެހިދުމަތް ތައާރަފް ކުރެވުމާ އެކު ކޮޅުވެއްޓިއެއްގައި ތިލަފުއްޓަށާއި ހުޅުމާލެއަށް ފަސޭހަކަމާ އެކު މުދަލާއި ވެހިކަލް ގެންގޮސްގެނެވޭނެ ކަމަށެވެ. އަދި އެ ހިދުމަތުގެ ސަބަބުން އެމްޕީއެލްއަށް މާބޮޑު ފައިދާއެއް ނުވިނަމަވެސް ރައްޔިތުނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށާއި އެހިދުމަތް މާލެ ކައިރި އެހެން ރަށްރަށަށް ދިނުމަށް ވިސްނަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމްޕީއެލްގެ ފަރާތުން ތިލަފުށީގައި ބަލްކްކާގޯގެ ހިދުމަތް ފަށަން ނިންމާފައިވާ އިރު ހުޅުމާލޭގައި އެމްޕީއެލްގެ ހިދުމަތްތަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮޅުވެއްޓިއެއްގައި ހުޅުމާލެއާއި ތިލަފުއްޓަށް ވެހިކަލް ގެންދިއުމުގެ ހިދުމަތް އެމްޕީއެލް އިން މިއަދު ފަށާފައިވީ ނަމަވެސް އަދި އެދަތުރުތައް ކުރާނެ ގަޑިތަކެއް އަދި ހަމައެއް ނުޖައްސަ އެވެ.