އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ސަރުކާރުން އަލަށް އުފެއްދި، މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑް (އެމްއައިއެލް)ގެ ޑިރެކްޓަރުންގެ ބޯޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އެކުލަވާލައްވައިފި އެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދު މިއަދު ސަން އަށް ވިދާޅުވީ އެ ބޯޑްގެ ޗެއާމަނަކަށް ރައީސް އައްޔަން ކުރެއްވީ، ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މ. ރުއްކަރަ މުހައްމަދު އުމަރު މަނިކު ކަމަށެވެ.

މުހައްމަދު މަނިކަކީ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ސަރުކާރަށް ލަފާ ދިނުމަށް ރައީސް އުފެއްދެވި "އެއާޕޯޓް އެޑްވައިޒަރީ ކޮމިޓީ"ގެ ޗެއާމަން ވެސް މެ އެވެ.

އެމްއައިއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ސަރުކާރުން ހަމަޖެއްސެވީ، އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަން ވެސް ކުރައްވާ، ބަންދު އިބްރާހީމް ސަލީމެވެ.

ބަންދާއި ކޮލި މުހައްމަދު މަނިކުގެ އިތުރަށް ބޯޑުގައި ހިމެނިވަޑައިގަންނަވަނީ، މަސްއޫދު ވިދާޅުވި ގޮތުގައި، ގ. ނޫމަރާހިޔާ ތޯރިގް އިބްރާހީމާއި ގދ. މަޑަވެލީ ގަހާ، އަހުމަދު މުނައްވަރާއި ދަފްތަރު، އަބްދުﷲ ޔަޒީދާއި ދަފްތަރު އިބްރާހީމް އިޔާސެވެ.

މަސްއޫދު ވިދާޅުވީ އަދި އެ ބޯޑަށް އިތުރު ބޭފުޅަކު ހަމަޖައްސަވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ސަރުކާރުން ބުނެފައި ވަނީ އެމްއައިއެލް އުފެދުމުން، މާލޭ އެއާޕޯޓް ތަރައްގީކުރުމުގެ ހުރިހާ ކަމެއް ހިންގާނީ އެ ކުންފުނިން ކަމަށެވެ.