ރޭ ވަޅިހަރައި ޒަޚަމްކޮށްލެވުނު ސިފައިންގެ މީހާގެ ހާލު މިހާރު ރަނގަޅުކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ ލޮނުޒިޔާރަތްމަގު އިމްޕީރިއަލް ކައިރިން ވަޅިހަރައި ޒަޚަމްކޮށްލެވުނު އުމުރުން 22 އަހަރުގެ ސިފައިންގެ މީހާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. ނަމަވެސް އެ ކަމާ ގުޅޭ އިތުރު މައުލޫމަތު ދޭން އޭނާ ބޭނުންނުވާތީ އިތުރު ތަފްސީލް ދެވެން ނެތްކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ.

އިމްޕީރިއަލް ކައިރިން ރޭ 10:26 ހާއިރު ސިފައިންގެ މީހާއަށް ދިން ހަމަލާގައި އޭނާގެ ބޮލާއި ބުރަކަށްޓާއި އަތް ޒަޚަމް ކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ ވަޅިން ހަމަލާދީފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަމްދޫން އަބްދުﷲ ހަމީދުގެ ބޮޑީގާޑް އިބްރާހިމް އަރީފަށް ކަމަށެވެ. އަދި ހަމަލާ ދީފައި ވަނީ އަރީފްގެ އޮފް ގަޑީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިފައިންގެ މީހާއަށް ހަމަލާދީފައި ވަނީ ސިފައިންގެ މީހަކަށް ވާތީ ކަމެއް ނުވަތަ ޒާތީ ކަމެއްގައި ކަމެއް އަދި ކަށަވަރެއް ނުވެއެވެ.